މުއިއްޒު އަންގައިގެން މިނިސްޓަރުންތައް ބައިވެރިވުމަށް، ރައީސް އޮފީހުން އިންތިޒާމް ކޮށްގެން ރޭ ބޭއްވި "އަހާ" ފޯރަމް އަށް އެއްވެސް އާންމު ރައްޔިތަކު ނުދާ ކަމަށާއި، ދިޔައީ މިނިސްޓަރުންގެ ނައިބުންނާއި، ޕީއެންސީގެ ސްޓާފުން ކަމަށް ދިޔަވަރު ނޫހަށް ލިބިފައިވާ ފޮޓޯތަކުންނާއި، ރައީސް އޮފީހުގެ ފަރާތުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ވެއްޖެއެވެ. މި ފޯރަމްގެ ފޮޓޯތައް އާންމު ކޮށް، މިހާރު ސޯޝަލް މީޑިޔާގައި ހުރި އިރު، މި ފޯރަމްގައި ހާޒިރުވެ، ތިބީ ކޮން ބައެއްކަން އާންމުންނަށް ވެސް މިހާރު އެނގެއެވެ،
އާންމުންނަށް ހުޅުވާލައިގެން ބޭއްވި ފޯރަމް އަކަށް އާންމުން ނުވައްދައި ކުރިޔާލައި، ނައިބު މިނިސްޓަރުން ގޮސް ސީޓުތައް ފުރާލާފައިވަނީ، ރައީސް އޮފީހުން މި ކަން އިންތިޒާމު ކުރި ފަރާތުން އެދިގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ. މި "އަހާ" ފޯރަމް ބާއްވާފައިވަނީ ރައީސް ސޯލިހް ބޭއްވި "ހޮޅުއަށި' ޕްރޮގްރާމް ކޮޕީ ކޮށްގެންނެވެ.
މި "އަހާ" ފޯރަމް ބޭއްވީ ނޫސްވެރިންގެ އެތައް ސުވާލުތަކަކަށް ޖަވާބު ދިނުމަށް، ސަރުކާރު ދެކޮޅު ހަދައި، ފިލައި ތިބެގެން، އާންމުންގެ އިހްސާސްތައް އަޑުއަހާ ކަން ދައްކައި، ސަރުކާރު ވީހާވެސް ބޮޑަކަށް ހުޅުވާލެވިފައި ވާކަމާއި، ފޮރުވާނެ ކަމެއް ނެތް ކަން ދެއްކުމަށެވެ. ނަމަވެސް، އާންމުންގެ މީހަކު ފޯރަމަށް އައިސް ސުވާލެއް ކޮށްފާނެކަމަށް، ގަންނާން ކުރެއްވި ބިރުން ހުރިހާ ސީޓުތަކަކަށް، ނައިބުން ނާއި، ސަރުކާރުގެ އެހެނިހެން އިސްމަގާމުތަކުގައި ތިބި ފަރާތްތައް ގެނެސް، ފުރާލުމުން ސަރުކާރުގެ ދެފުށް ދެގޮތްކަން އާންމުންނަށް ވަނީ އިތުރަށް ހާމަވެ، ފަލީހަތްވެފައެވެ.