މިއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް އިތުރު ކޯޓާ ލިބިއްޖެނަމަ އެ ކޯޓާ ގުރޫޕުތަކަށް ދޫކުރާނީ ހައްޖު ކޯޕަރޭޝަންއިންކަމަށާއި, ކޯޓާ ދޫކުރާނީ އެކޯޕަރޭޝަންއިން ކަނޑައަޅާ އުސޫލެއްގެ ދަށުން, ހައްޖު ކޯޕަރޭޝަންއިން ބޭނުންވާ ގުރޫޕްތަކަކަށް ކަމުގައި ރޭ ބޭއްވި "އަހާ" ފޯރަމްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުންނާއި ސުވާލުކުރުމަށް ފުރުސަތު ހުޅުވާލާއިގެން ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަ ދައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ, މިއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް އިތުރު ކޯޓާ ލިބިއްޖެނަމަ, ހައްޖު ގުރޫޕުތަކަށް ކޯޓާ ދޫކުރާނެ ކަމަށާއި, އެހެންނަމަވެސް ގުރޫޕްތަކަށް ކޯޓާ ދޫކުރާނީ ހައްޖު ކޯޕަރޭޝަންއިން ކަމަށެވެ.
އެހެންނަމަވެސް އެ ކޯޓާ ދޫކުރާނީ ބިޑަށް ހުޅުވާލުމުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަންއިން ބޭނުންވާ އުސޫލުތަކާއެގޮތަށްކަމަށް ޝަހީމް ވިދާޅުވިއެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ހައްޖު ކޯޕަރޭޝަންއިން ލިބޭ އިތުރު ކޯޓާ ގުރޫޕްތަކަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތެއްގެ ބަދަލުގައި އެ ކޯޕަރޭޝަނަށް ފެންނަ ބަޔަކަށް ފެންނަ އަދަދަކަށް ކޯޓާ ދޫކުރުމަށް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން, އެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލްއާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ބޭނުންވާ ގުރޫޕްތަކަށް ކޯޓާ ދޫކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
ރޭގެ ފޯރަމްގައި ޑރ. ޝަހީމް ވިދާޅުވީ ގުރޫޕްތަކުން ބޭނުން އަގެއް ނަގައިގެން ދެން ހައްޖަށް ނުފޮނުވޭނެކަމަށާއި, ހައްޖަށް މީހުން ދެން ފޮނުވޭނީ ހައްޖު ކޯޕަަރޭޝަނުން ދޫކުރާ ކޯޓާއަށް ކަމަށެވެ.
އެވަރަށް (އިތުރަށް) ކޯޓާ ލިބިއްޖެނަމަ، އަޅުގަޑުމެންގެ ވިސްނުމަކީ ހަމަ ހައްޖު ކޯޕަރޭޝަންއިންނޭ މެނޭޖް ކުރާނީ. އެކަން ކުރިޔަށް ގެންދާނީ، އެހެން އަމިއްލަ ކޯޕަރޭޝަންތަކަށް ހަވާލުކުރާނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮންނޭ.
ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖެއަށް ސައުދީން ދޫކުރާ ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭގޮތަށް ކެބިނެޓުން ނިންމާފައިވަނީ, ސަރުކާރުގެ އިސްވެރިން ހައްޖު ކޯޓާއިން ވައްކަން ކުރުމަށެއެވެ. އެގޮތުން ބިޑްގެ އުސޫލުން ކޯޓާ ގުރޫޕްތަކަށް ދިނުމުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ކޯޓާ ދޫކުރާގޮތަށް ހަމަޖައްސާފައިވަނީ, ޑރ. ޝަހީމްއާއި ޝަކީލް ބޭނުންވާ ގުރޫޕަތަކަކަށް އެކަނި ކޯޓާ ދޫކުރުމުގެ ބޭނުގައިކަމަށްވެސް ހައްޖަށް މީހުން ފޮނުވަމުން އައި ގުރޫޕްތަކުން ތުހުމަތު ކުރެއެވެ.
އަދި ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ ގުރޫޕްތަކަށް ދޫނުކޮށް, ހަމައެކަނި ހައްޖު ކޯޕަރޭޝަންއަށް ދޭގޮތަށް ނިންމުމުގެ ސަބަބުން ހައްޖަށް މީހުން ފޮނުވަމުން އައި ގިނަ ގުރޫޕްތަކުގެ ވިޔަފާރި ގެއްލި އެގުރޫޕްތައްވަނީ ބަގުރޫޓް ވެފައެވެ.