ޚަބަރު

ބީއެމްއެލްގެ ޗެއަރމަންއާއި ބޯޑު ޑައިރެކްޓަރުން ކުއްލި ގޮތަކަށް ވަކިކުރީ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވެން ނެތިގެން, ބީއެމްއެލްއިން 1 ބިލިއަން ރުފިޔާ ލޭންދޭނަށް ދޫކުރުމަށް ދެކޮޅު ހެދުމުން!

ދިޔަވަރު
ބީއެމްއެލްގެ ޗެއަރމަންއާއި ބޯޑު ޑައިރެކްޓަރުން ކުއްލި ގޮތަކަށް ވަކިކުރީ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވެން ނެތިގެން, ބީއެމްއެލްއިން 1 ބިލިއަން ރުފިޔާ ލޭންދޭނަށް ދޫކުރުމަށް ދެކޮޅު ހެދުމުން!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކޮށްފައިވަނީ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތް ނެތިގެން ލޭންދޭނަށް 1 ބިލިއަން ރުފިޔާ ދޫކުރުމަށް ބޭންކުން ދެކޮޅު ހެދުމާއި ގުޅިގެންކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަަކަ ދެއްކި ބޭންކުގެ އޮފިޝަލަކު ވިދާޅުވީ, ދައުލަތުގެ ރިޒާވް އަދަޔާ ޚިލާފަށް ދަށަށްގޮސް, ޑޮލަރުގެ އަގު އިންތިހާއަށް އުފުލި, ބޭންކަށްވެސް ޑޮލަރުގެ ޝޯޓޭޖް ކުރިމަތިވެސް, ޕްރެޝަރ ވަރަށް ބޮޑުވެފައިވާކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަށްވެ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން, ދައުލަތުގެ މުވައްޒަފުނަށް ނޮވެމްބަރުމަހުގެ މުސާރަދީފައި ވަނީވެސް, ފިނޭންސް މިނިސްޓްރީން އެމްއެމްއޭ މެދުވެރިކޮށް ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްގެން (ލޭންދޭނަށް ނަގައިގެން) ކަމަށެވެ.

އެއަށްފަހު, މި ހިނގާ ޖެނުއަރީމަހުވެސް ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް ނެތުމުން ސަރުކާރުން ބޭނުންވީ ބޭންކުން ވިތުޑްރޯ ކުރަން ކަމަށާއި, އެހެންނަމަވެސް, ބީއެމްއެލްގެ ކޭޝްފްލޯއަށް އަސަރުކޮށް, ބޭންކަށް ޑޮލަރ ޝޯޓޭޖްވެސް އިންތިހާއަށް ބޮޑުވެފައި ވުމާއެކު, ސަރުކާރުގެ ހުށަހެޅުމަށް ބޭންކުގެ ބޯޑުން އިއުތިރާޒް ކޮށްފައިވާކަމަށްވެސް ""ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އާ ސަރުކާރު އިންތިޚާބު ވުމަށްފަހުވެސް ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވި, އާންމު ރައްޔިތުންގެ ޑިޕޮޒިޓް ފައިސާއިން (ބޭންކު އޮފް މޯލްޑިވްސްއިން) ސަރުކާރަށް ލޭންދޭނަށް ފައިސާ ނަގަން ޖެހުނީ, ފައިސާ ޗާޕު ކުރެވޭނެ ގޮތެއް ނެތިގެންނެވެ. އެއީ ފައިސާ ޗާޕްކުރުމަށް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތްތައް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވެގެންނެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ ފައިސާ ޗާޕް ނުކުުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ, ރައްޔިތުންގެ ޑިޕޮޒިޓަރީން މުސާރަ ދޭން ހޭދަ ކުރަންޖެހިފައިވާއިރު, ބޭންކު އޮފް މޯލްޑިވްސްއިންވެސް އަދި ފިނޭންސް މިނިސްޓްރީންވެސް މިކަމާގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އިއްޔެ ކުއްލި ގޮތަކަށް ބޭންކުގެ ބޯޑް ޑައިރެކްޓަރުން މަގާމުން ވަކިކުރި ސަބަބެއްވެސް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މާލީ ތަޖުރިބާކާރަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދީފައިވާ ގޮތުގައި ބޭންކުން ބޮރޯ ކޮށްގެން މުސާރަދޭން ފިނޭންސް މިނިސްޓްރީއަށް މަޖުބޫރުވީ އާ ސަރުކާރުން ކެމްޕޭންގެ ތެރޭގައި ވައުދުވީ ގޮތަށް, ސަރުކާރުގެ ބޭކާރު ޚަރަދުތައް ކޮންޓްރޯލް ނުކުރެވި، ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވެ, ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓިގެން ކަމުގައެވެ.

ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ބޭންކު އޮފް މޯލްޑިވްސްއިން ނޮވެމްބަރުމަހު 700 މިލިއަން ރުފިޔާ ބޮރޯ ކޮށް, މިމަހުވެސް 1 ބިލިއަން ރުފިޔާ ބޮރޯ ކުރުމަށް މަސައްކަތް ކުރަމުންދާއިރު, ރައީސް މުއިއްޒު އަދިވެސް ގެންދަވަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.

އެގޮތުން މި ސަރުކާރަށް ދެމަސް ވެގެން ދާއިރު, ރައީސް ސާލިހުގެ 5 އަހަރުގެ އައްޔަން ކޮށްފައިވާ މަގާމްތަކަށްވުރެ މި ސަރުކާރުން އައްޔަން ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ވަޒީރުންގެ އަދަދު މިޙާރު ވަނީ މަތިވެފައެވެ.