ޚަބަރު

‏ފަޒުލްގެ ދައްތަ މަޖިލިސް ޕްރައިމަރީއިން ހޮވުމަށް އެޗްޑީސީއާއި ފެން ކުންފުނިން ދެ ހަފްތާތެރޭގައި 83 ވަޒީފާ ދީފި

ދިޔަވަރު
‏ފަޒުލްގެ ދައްތަ މަޖިލިސް ޕްރައިމަރީއިން ހޮވުމަށް އެޗްޑީސީއާއި ފެން ކުންފުނިން ދެ ހަފްތާތެރޭގައި 83 ވަޒީފާ ދީފި

‏އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ދައްތަ ފަޒީނާ ރަޝީދު ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީއިން ހޮވުމަށްޓަކައި އެ ދާއިރާއަށް ނިސްބަތްވާ 83 ފަރާތަކަށް އާބަންކޯއިންނާއި، އެމްޑަބްލިއުއެސްސީ އިން ވަޒީފާ ހަމަޖައްސާދީފައިވާ ކަމަށް އެ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުން މައުލޫމާތު ދީފިއެވެ.

‏އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ފަޒީނާގެ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދު ހަމަޖެއްސުމާއިއެކު އެ ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާއާއި އެކި ޕްރޮޖެކްޓްތައް ފަޒީނާއަށް ވޯޓް ދިނުމަށް ޝަރުތުކޮށް މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް އަންނަނީ ދެމުންނެވެ.

"މި ނޫހަށް"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ފަޒީނާ ހޮވުމަށްޓަކައި އެންމެ ގިނަ ވަޒީފާ އުފައްދާފައިވަނީ އެޗްޑީސީއިންނެވެ. އެ ކުންފުނިން ޖުމްލަ 57 ވަޒީފާ އުފައްދާފައިވާ އިރު، އޭގެ ތެރޭގައި ސީނިއާ ގިނަ މަގާމުތަކެއް ހިމެނެއެވެ. އަދި މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ވަނީ ބޮޑެތި ޕްރޮމޯޝަންތަކެއް ދީފައެވެ.

‏ދައުލަތުގެ އެންމެ ބޮޑު ދެ ކުންފުނި ބޭނުންކޮށްގެން ޕީއެންސީގެ އެތެރޭގެ އިންތިހާބަށް އެއްވެސް ހައްދެއްނެތި ނުފޫޒު ފޯރުވަމުން ގެންދާތީވެ، އެ ދާއިރާއަށް ވާދަކުރާ އެހެން ކެނޑިޑޭޓުންގެ ފަރާތުން ފަޒުލްއާއި ފަޒީލްގެ ޝަކުވާ ޕާޓީގެ ލީޑާޝިޕާ ހަމައަށް ވަނީ ގެންގޮސްފައެވެ. ދެ ކުންފުނީގައި ވަޒީފާ އަދާކުރާ ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ތެރެއިން ފަޒީނާއަށް ތާއީދުކުރަން ދެކޮޅު ހަދައި މީހުންނަށް ފިޔަވަޅު އަޅައި، ވަޒީފާ ބަދަލުކުރާ ކަމުގެ މައުލޫމާތުވެސް ކެނޑިޑޭޓުން "މި ނޫހަށް"ދިޔަވަރު އޮންލައިން"އަސް މައުލޫމާތު ދީފައި ވެއެވެ.

‏މާފަންނު ދެކުނު ދާއިރާގައި އެމްޑީޕީއަށް ޒަމާނުންސުރެ މަސައްކަތްކުރި ވަރުގަދަ އެކްޓިވިސްޓުންނާއި، އެމްޑީޕީއަށް ތާއީދުކުރި ގިނަ އާއިލާތަކެއްވެސް ވަޒީފާއާއި ރިޝްވަތުދީގެން ދެބެއިން ވަނީ ޕީޕީއެމްއަށް އަނބުރާލާފައެވެ. ދައްތަ ފަޒީނާގެ ކެމްޕޭނަށް ފަންޑު ހޯދުމަށްޓަކައި ފާއިތުވި މަސް ދުވަހުގެ ތެރޭގައި ފެން ކުންފުނިން ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ދީގެންނާއި، ހުޅުމާލެއާއި ތިލަފުށިން ގިނަ ބިންތަކެއް ދީގެން ދެބެއިން ވަނީ 18 މިލިއަން ރުފިޔާ ރެއިޒްކޮށްފައެވެ.

‏ޕީޕީއެމް އުފެދުނީއްސުރެ މާފަންނު ދެކުނުގައި ޕާޓީގެ ހަރަކާތްތައް ހިންގާ ޕާޓީއަށް އެންމެ ބޮޑަށް ގުރުބާންވި ކެނޑިޑޭޓުން ބަލިކޮށް އެއްކައިރި ކޮށްލުމަށްޓަކައި، މަގާމުގެ ނުފޫޒާއި ރިޝްވަތުގެ ކަޅު ފައިސާ ބޭނުންކުރަމުން ގެންދާތީ، އެ ކެނޑިޑޭޓުންވަނީ ޕްރައިމަރީއިން ބަލިވެއްޖެނަމަ އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީއަށް ތާއީދުކޮށްގެން ނަމަވެސް އެ ގޮނޑި ގެއްލުވާލައިނެކަން ޕާޓީގެ ލީޑަރޝިޕަށްވެސް އަންގައިފައެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުވަނީ, ފާއިތުވި ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައިވެސް, ސަރުކާރު ކެނޑިޑޭޓަށް ވޯޓު ހޯދުމަށް, އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން, އެމްޑީޕީއަށް ތާއީދުކުރާކަމަށް އެ ކުންފުނީގެ މެނޭޖްމަންޓަށް ގަބޫލުކުރެވުނު މުވައްޒަފުންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް,މާލެ ކައިރީގަ އޮތް ކުޑަގިރި ޕިކްނިކް އައިލޭންޑަށް ފޮނުވާ, ވޯޓު ލީދުވަހު މާލެ ނާދެވޭނެގޮތް ހަދާފައެވެ.

އަދި އޭނާއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރަވެސް ގެއަށް ގެންދަމުންދާ އެމްޑީއެވެ. އެގޮތަށް އޭނާއަށް ރައީސުލްޖުމުހޫރިއްޔާއަށްވުރެ ބޮޑު މުސާރައެއް ލިބެމުންދާކަން ފާހަގަ ކޮށްލެވެއެވެ.