ޚަބަރު

މުއިއްޒު ބޭނުންވާ ބަޔަކަށް އެކަނި ޕްރައިމަރީ ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރުމަށް, ޕްރިމަރީގެ ވޯޓާސް ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ދިޔަވަރު
މުއިއްޒު ބޭނުންވާ ބަޔަކަށް އެކަނި ޕްރައިމަރީ ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރުމަށް, ޕްރިމަރީގެ ވޯޓާސް ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ, ރައީސް މުއިއްޒުއަށް އެކަނި ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރުމަށް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މާދަމާ ހެނދުނު 10 ޖަހާއިރު ޕްރައިމަރީގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާއިރު, ރައީސް މުއިއްޒުގެ އެންގުމަށް ވަނީ, ވޯޓާސް ލިސްޓުގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި ގިނަ ބަޔަކު ހިމަނާފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ކިޔައިދިން ގޮތުގައި ޕީއެންސީގެ ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސްފައިވަނީ ރައީސް މުއިއްޒުގެ އެންގުމަށް, އެޕާޓީގެ ޗެއަރޕާސަން އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް އިސްވެ ހުންނަވައިގެން ކަމުގައެވެ.

މިހާރު ސޯޝަލް މީޑިއާގައިވެސް އާންމު ވެފައިވާ މައުލޫމާތު ތަކުންވެސް އެނގޭގޮތުގައި, ޕީޕީއެމް ޕީއެންސީގެ ވޯޓާސް ލިސްޓުތަކުން, އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ ވޯޓާސް ލިސްޓުގައި ހިމެނޭ މެމްބަރުންވެސް ވަނީ ހިމަނާފައެވެ.

އަދި ވޯޓާސް ލިސްޓުތަކަށް އަންނަމުންދާ ބަދަލުތަކުގެ ޝަކުވާތައް ހުށަހެޅިނަމަވެސް, އެމައްސަލަތައް ޕާޓީގެ ފަރާތުން ބަލަމުން ނުދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިން ރައީސް މުއިއްޒު މަސައްކަތް ކުރެއްވީ, ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންގެ ކެނޑިޑަސީ ބާތިލް ކުރުމަށެވެ. އެހެންނަމަވެސް, ޕާޓީގެ އެތެރޭގައި މުޒާހިރާކޮށް މާރާމާރީ ހިންގާން ފެށުމުން ރައީސް މުއިއްޒުއަށް މަޖުބޫރުވީ ހުރިހާ ކެނޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހެދުމަށެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ކެނޑިޑޭޓުންނަށް ފަހި ކުރުމަށްފަހު, ޕާޓީން ހަދާ ޚާއްސަ ލިސްޓެއްގައި ހިމެނޭ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުން, ވޯޓު އޮޅުވާލައިގެން ނަމަވެސް ނުހޮވޭނެކަން ޔަގީން ކުރުމަށް މުއިއްޒު އަންގާފައިވާ ކަމުގައެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ބައެއް ކެނޑިޑޭޓުން ބުނަމުންދަނީ, ބޭއިންސާފުން އެ ކެނޑިޑޭޓުންގެ ޓިކެޓް ނިގުޅައިގެންފިނަމަ, މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަކުރާނެ ކަމުގައެވެ.