ޚަބަރު

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އަދި ރުގިޔާ ކުރުމަށް ދިރާސާ އެބަކުރަން: މިނިސްޓަރު

ދިޔަވަރު
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އަދި ރުގިޔާ ކުރުމަށް ދިރާސާ އެބަކުރަން: މިނިސްޓަރު

ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރެވެމުން އަންނަކަމަށް ޤައުމިއްޔަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ގދ. ތިނަދޫގައި ޅެންވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ހަފްލާގައި ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވާ އިރު، ދިވެހި ބަހުގެ ޅެމާއި ރައިވަރަކީ ރުގިޔާ ކުރަންވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް މީގެ ކުރިން މައުހަދުގައި ދިވެހި ކިޔަވައިދިން ކުލާހެއްގައި މީނާ ބުނެފައިވެއެވެ.

މީނާއަށް މިނިސްޓަރު ދިން ގޮތް ކިޔަދެމުން، އާދަން ނަސީރުގެ އެކުވެރިއަކު ދިޔަވަރު ނޫހަށް ކިޔައި ދިން ގޮތުގައި މީނާ ވަނީ، ހައްދު ފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު ދިރުވައިގެން 20 ވަރަކަށް އަހަރު މުއިއްޒަށް ވެރިކަން ދެމެހެއްޓިދާނެ ކަމަށް ބުނެ މުއިއްޒަށް ވިސްނަ ދީފައިވާ ކަމަށާއި، އަދި އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށް ބަލައި އެކަމާއި ހަވާލު ކޮށް މިނިސްޓަރު ކަން ދިނީ ކަމަށް ވެއެވެ.

ދިވެހި ޅެން ބޭނުން ކޮށްގެން ނަފްސާނީ ފަރުވާ ދިނުން ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެކަމަށް މީނާ ވަނީ ވިދާޅުވެފައެވެ.

"މިހާތަނަށް އަޅުގަނޑުމެނަށް މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ކުރެވިދާނެކަމެއް. އަދި މި ބޭފުޅުން ވިދާޅުވަނީ ކުރަންވެއްޖެކަމެެއް ކަމަށް،" މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.

"ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިމީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދިރާސާތަކުން ދައްކާ،" މިނިސްޓަރު ވިދާޅުވި ކަމުގައި ވީނަމަވެސް ޅެމެކީ ނަފްސާނީ ފަރުވާއެއް ގޮތަށް އެއްވެސް ޤައުމެއްގައި މިހާތަނަށް ބޭނުން ކޮށްފައިވާ އެއްޗެއް ނޫނެވެ. ހިތް ހަމަޖައްސާ ލުމަށް ލަވައެއް ޖެހުމަކީ އެއީ ނަފްސާނީ ބަލިތަކުގެ ފަރުވާއަކަށް އެކަން ވާނެ ކަމެއް ނޫނެވެ.

ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭކަމަށް ބުނެ، ޤައުމިޔަތާއި ބެހޭ މިނިސްޓަރު ވަނީ މި ޖަލްސާގައި ދޮގު ހަދާފައެވެ.