ދިވެހި ޅެމުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޤައުމިއްޔަތުގެ މިނިސްޓަރ އާދަން ނަސީރު ވިދާޅު ވެއްޖެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ، ބައްޔަކީ ޅެމެއް ކިޔައިގެން ފަރުވާ ދެވޭހާ ފަސޭހަ ކަމެއް ކަމަށް ދޭހަކޮށް ނަފްސާނީ ބަލި ޖެހިފައިވާ މީހުންގެ ފަރުވާ އަށް ކުރާ އަސްލު މަސައްކަތަކީ މުހިންމު އެއްޗަކަށް ނަހަދައި، ދެއްކި މިވާހަކައާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޤައުމިއްޔަތުގެ މިނިސްޓަރާއި މެދު ހިތްހަމަ ނުޖެހިފައެވެ.
ޤައުމިއްޔަތާއި ބެހޭ މިނިސްޓަރު މިފައިދައިން ވިދާޅުވީ، މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްގާއި ވާހަކަފުޅުދައްވަމުން ޤައުމިއްޔަތާއި ބެހޭ މިނިސްޓަރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތަކާ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެކަމަށް ޤައުމިއްޔަތާއި ބެހޭ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"މިހާތަނަށް އަޅުގަނޑުމެނަށް މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ކުރެވިދާނެކަމެއް. އަދި މި ބޭފުޅުން ވިދާޅުވަނީ ކުރަންވެއްޖެކަމެެއް ކަމަށް،" ޤައުމިއްޔަތާއި ބެހޭ މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޤައުމިއްޔަތާއި ބެހޭ މިނިސްޓަރު ވިދާޅުވީ، ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށާއި ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކައިފައިވާ ކަމަށެވެ.
"ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިމީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާ،" މިނިސްޓަރު ވިދާޅުވިއެވެ.