މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ, ރައީސް މުއިއްޒުއަށް އެކަނި ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރުމަށް, މަކަރާއި ހީލަތުން ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޕްރައިމަރީ ފަށައިފިއެވެ.
މިއަދު ހެނދުނު 10 ޖަހާއިރު ޕްރައިމަރީގެ ވޯޓުލުން ފެށުމަށް ހަމަޖެހުނު ނަމަވެސް, ބައެއް ރަށްރަށުގައި ހަމަނުޖެހުން ބޮޑުވެ ވޯޯޓުލުން އަދިވެސް ފެށިފައިނުވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
މި އިންތިޚާބުގައި ވަކިބަޔަކު ކަޓުވާލުމަށްޓަކާ, ރައީސް މުއިއްޒުގެ އެންގުމަށް ވަނީ, ވޯޓާސް ލިސްޓުގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި ގިނަ ބަޔަކު ހިމަނާ, އަދި ގިނަ ބަޔަކު ލިސްޓުން އުނިވެސް ކޮށްފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ކިޔައިދިން ގޮތުގައި ޕީއެންސީގެ ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސްފައިވަނީ ރައީސް މުއިއްޒުގެ އެންގުމަށް, އެޕާޓީގެ ޗެއަރޕާސަން އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް އިސްވެ ހުންނަވައިގެން ކަމުގައެވެ.
މިހާރު ސޯޝަލް މީޑިއާގައިވެސް އާންމު ވެފައިވާ މައުލޫމާތު ތަކުންވެސް އެނގޭގޮތުގައި, ޕީޕީއެމް ޕީއެންސީގެ ވޯޓާސް ލިސްޓުތަކުން, އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ މެމްބަރުންވެސް ވަނީ ހިމަނާފައެވެ. އަދި ބައެއް ކެނޑިޑޭޓުންނަށް ޕްރައިމަރީ ކާމިޔާބު ވިޔަ ނުދިނުމަށް ވަނީ ގިނަ ބަޔަލު ލިސްޓުން އުނިވެސް ކޮށްފައެވެ.
ވޯޓާސް ލިސްޓުތަކަށް އަންނަމުންދާ ބަދަލުތަކުގެ ޝަކުވާތައް ހުށަހެޅިނަމަވެސް, އެމައްސަލަތައް ޕާޓީގެ ފަރާތުން ބަލާފައި ނުވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ ކުރިން ރައީސް މުއިއްޒު މަސައްކަތް ކުރެއްވީ, ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންގެ ކެނޑިޑަސީ ބާތިލް ކުރުމަށެވެ. އެހެންނަމަވެސް, ޕާޓީގެ އެތެރޭގައި މުޒާހިރާކޮށް މާރާމާރީ ހިންގާން ފެށުމުން ރައީސް މުއިއްޒުއަށް މަޖުބޫރުވީ ހުރިހާ ކެނޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހެދުމަށެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ކެނޑިޑޭޓުންނަށް ފަހި ކުރުމަށްފަހު, ޕާޓީން ހަދާ ޚާއްސަ ލިސްޓެއްގައި ހިމެނޭ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުން, ވޯޓު އޮޅުވާލައިގެން ނަމަވެސް ނުހޮވޭނެކަން ޔަގީން ކުރުމަށް މުއިއްޒު އަންގާފައިވާ ކަމުގައެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ބައެއް ކެނޑިޑޭޓުން ބުނަމުންދަނީ, ބޭއިންސާފުން އެ ކެނޑިޑޭޓުންގެ ޓިކެޓް ނިގުޅައިގެންފިނަމަ, މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަކުރާނެ ކަމުގައެވެ.