ކިރުވާ މަހަށް 48 ގަޑިއިރުތެރޭ, ފައިސާ ދޭނެކަމަށް, ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުވެ, އެހެންނަމަވެސް މަސްވެރިން ކިރާމަހަށް ފައިސާ ނުދީގެން މަސްވެރިން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.
ބައެއް މަސްވެރިން ބުނަމުންދާ ގޮތުގައި މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ މިސަރުކާރުން ދޫ ނުކުރާތާ މިހާރު 2 މަސްދުވަސް ފާއިތުވެގެން ހިގައްޖެ ކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން, މަސްވެރި އާއިލާތައް ބަޑަށްޖެހި, ބޮޑެތި އަދަދުތަކުން ދަރަނިވެރި ވަމުންދާކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.
އެގޮތުން ރާއްޖޭގެ ބައެއް ރަށްތަކުގައި ދަނީ, ފިޝަރީންސް މިނިސްޓަރ އެރަށްތަކަށް ވަޑައިގަންނަވާއިރަށް މުޒާހިރާ ކުރަންވެސް ތައްޔާރު ވަމުންނެވެ.
“ދިޔަވަރު އޮންލައިން”އާއި ވާހަަކަ ދެއްކި މީހަކު ކިޔައި ދިން ގޮތުގައި, ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނަކަމަށް ކަމުގައެވެ. އެހެންނަމަވެސް މިހާރުވެސް އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުލިބި އެބަހުރި ކަމަށާއި, ފައިސާ ލިބެމުންދަނީ އެތައް މަހެއް ފަހުން ކަމުގައިވެސް “ދިޔަވަރު އޮންލައިން”އާއި ވާހަަކަ ދެއްކި މަސްވެރިން ބުނެފައި ވެއެވެ.
“ދިޔަވަރު އޮންލައިން”އާއި ވާހަަކަ ދެއްކި މަސްވެރިން ބުނެފައިވަނީ, މަސްކިޔާރާތާ 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރާނެކަމަށް ބުނެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަންދެން އިހުތިޖާޖު ކުރިޔަށް ދާނެ ކަމުގައެވެ.
ފާއިތުވި ހަފްތާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ގދ. އަށް ކުރެއްވި ދަތުރުފުޅުގައި, އޭނާ ގދ, ތިނަދޫއަށް ކުރަން އޮތް ދަތުރު ވަނީ, އޭނާއާއި ދެކޮޅަށް އެރަށުގެ މަސްވެރިން މުޒާހިރާ ކުރަން ތައްޔާރު ވެފައިވަނިކޮށް ކެންސަލް ކޮށްފައެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ލިބިވަޑައިގަތުމުން ރިޔާސީ އިންތިޚާބުގައި ވި ގިނަ ވައުދުތަކަށް ޚިޔާނާތްތެރިވަމުންނެވެ. އެގޮތުން ވެރިކަން ލިބުމުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކަނޑާނެކަމަށް ވައުދު ވުމަށްފަހު މުއިއްޒު މިހާރުވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކި ކޮށްފައެވެ.