ޗައިނާ ސަރުކާރުން ދަނީ މުސްލިމް އާއިލާ ތަކުގެ ދަރިން ތައް، ގަދަ ކަމުން އަތުލަމުން ކަމަށް ޔޫއެން އިން ބުނެފިއެވެ. އދ. ކަންބޮޑުވުން ފާޅު ކޮށް، އެމީހުންގެ ވެބްސައިޓުގައި މިކަން ހިނގަމުންދާ ގޮތް ތަފްސީލު ކޮށް ދެމުން ހާމަ ކޮށްފައިވަނީ، އާއިލާތަކުން ފުރާވަރުގެ ކުދިންނާއި ކުޑަކުދިން ގިނަ އަދަދުތަކުން ނަގަމުންދާ ކަމަށާއި، މި ކުދިން ނަގަމުން ދަނީ ބައެއް ފަހަރު އެ ކުދިންގެ މުސްލުމް މައިން ބަފައިން ހައްޔަރު ކުރުމަށް ފަހުގައެވެ. އަދި އިސްލާމް ދީނަށް އުޅުމުގެ ފުރުޞަތު ނުދިނުމަށް ޓަކައި މިކުދިން ޔަތީމް ހާނާތަކަށް ލައެވެ.
ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ ކުދިންނަކީ "ޔަތީމު ކުދިން" ގެ ގޮތުގައި ބަލައި، ފުލްޓައިމް ބޯޑިން ސްކޫލްތަކާއި، ޕްރީ ސްކޫލްތަކާއި، ނުވަތަ ޗައިނާގެ މެންޑަރިން ބަސް ދަސްކޮށް ދިނުމަށް ޔަތީމުޚާނާތަކުގައި ބަހައްޓައެވެ. އުއިގޫރުގެ މުސްލިމުން ވާހަކަ ދައްކަނީ މެންޑަރިން ބަހުން ނޫނެވެ.
"ހަރުކަށިކޮށް ބަލަހައްޓާ ބޯޑިން ސްކޫލުތަކުގައި ތިބި އުއިގޫރު މުސްލިމުންނާއި އަދި އެހެނިހެން މައިނޯރިޓީ ކުދިންގެ މައިންބަފައިންނާއި، ވާހަކަ ދެއްކުމަށް ފުރުޞަތު ލިބުމަކީ ނާދިރު ކަމެއް ކަމަށް،" ތަޖުރިބާކާރުން ވިދާޅުވި ކަމުގައި އދ ވެބްސައިޓުގައި ހާމަ ކޮށްފައި ވެއެވެ.
އަދި މިކަމުގެ ސަބަބުން އެމީހުންގެ ޢާއިލާތަކާއި މުޖުތަމަޢުތަކާ އޮންނަ ގުޅުން ގެއްލި، ސަގާފީ، ދީނީ އަދި ބަހާއި މެދު އޮންނަ ގުޅުން ހީނަރުވެގެންދާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
އުއިގޫރުގެ މުސްލިމުންނަށް އެމީހުންގެ ބަހުން ދަރިވަރުންނަށް ކިޔަވައި ދިނުން މާ ކުރިންސުރެ މަނާ ކޮށްފައިވާއިރު، މިހާރު ވަނީ އުއިގޫރުގައި ހުރި ސުކޫލްތައް ޗައިނާ ސަރުކާރުން ބަންދު ކޮށްފައެވެ. މިކަން ކޮށްފައިވަނީ މުސްލިމުންނަށް ތައުލީމު ލިބުމުގެ ފުރުޞަތު ގެއްލުވާލަން ކަމަށް އދ. ގެ ކަމާއި ބެހޭ ތަޖުރިބާކާރު ރިޕޯޓް ކޮށްފައި ވެއެވެ.
ޝިންޖިއާންގައި ދިރިއުޅޭ އުއިގޫރުގެ މުސްލިމް އެތައް މިލިއަން ބަޔަކު ތިބީ ޗައިނާ ސަރުކާރުން ހައްޔަރު ކޮށް ކޭމްޕްތަކުގައި ބަންދު ކޮށްފައެވެ. އެމީހުންނާއި މެދު އެއްވެސް ޝަރީއަތެއް ނުހިނގާ އިރު، ޗައިނާ ސަރުކާރުން ދެކެނީ އެމީހުން މުސްލިމުންނަށް ވެފައިވާތީ އެކަމުން ސަލާމަތް ކުރުމަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.