ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރުން ވަކިކުރި ނިންމުން ބަދަލުކޮށް، އޭގެ ތެރެއިން ދެ މީހަކު އަލުން ބޯޑަށް އައްޔަންކުރަން ސަރުކާރުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު ހިމެނޭހެން ބޭންކުގެ ބޯޑުން ފަސް މެމްބަރަކު ވަކިކޮށްފަ އެވެ. މިއާ ގުޅިގެން ބީއެމްއެލްގެ ބޯޑުގެ ގާނޫނީ އަދަދު ގެއްލި އެއްވެސް ނިންމުމެއް ނުނިންމޭ ހާލަތަށް ބޭންކުގެ ކަންކަން ދިޔަ އެވެ.
އާންމުން ރޯލު ކުރާ ފައިސާއިން ސަރުކާރަށް ލޯނު ދީފިނަމަ، އާންމުންގެ އެކައުންޓުތަކުގައި ފައިސާއެއް ނުހުންނާނެއެވެ.
ބީއެމްއެލްގެ ބޯޑުން އެ ފަސް މެމްބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑުގައި ތިބި މެމްބަރުން ހިމެނޭހެން ފަސް މެމްބަރުންނެވެ. ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި އަށް ޑިރެކްޓަރުން ތިބެގެންނެވެ.
އިތުބާރު ހުރި މަސްދަރަކުން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލުން ބޯޑަށް އައްޔަންކުރަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ. އެ ދެބޭފުޅުންނާ އެކީ މިހާރު ބޯޑުގައި ތިބީ ހަތް މެމްބަރުންނެވެ.
ބޭންކުގެ ގަވާއިދުގައި ބުނާ އަށް މެމްބަރުން ހަމަކުރަން ސަރުކާރުން ވަނީ ބޭންކުގެ ޗެއާމަނަކަށް ހުރި ޔޫޝައު ސައީދުއަށް ވެސް އަލުން އެ މަގާމު ހުށަހަޅާފަ އެވެ. އެކަމަކު އޭނާ އަދި އެކަމަށް އިންކާރުކުރަމުން އަންނަ ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުން މައުލޫމާތު ދިނެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބެ އެވެ. މިކަމުގެ މައުލޫމާތު ހޯދަން ޕީސީބީގެ ރައީސް ހަމްދީ އަގީލަށް ތަކުރާރުކޮށް ގުޅުމުން ވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ބީއެމްއެލްގެ ކަންކަން މި ހިސާބަށް ދިޔައީ ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރު ލިމިޓު އަންނަ ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމިނިންމުމަށް ބޭންކުން އެއްބާރުލުން ނުދީގެންނާއި، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ބޭންކުން ދަރަންޏަށް ނުދީގެންނެވެ. މިކަން ފެބްރުއަރީން ފެށިގެން ތަންފީޒުކުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ތަންފީޒުކުރަން ބޭންކަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް، ޑޮލަރު ހާލަތު ޤައުމުގައި ރަނގަޅު ނުކޮށް، ނެތް ޑޮލަރެއް ދިނުމަކީ ވެސް ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޑޮލަރު ތާށިކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ މިހާތަނަށް ވިޔަފާރިތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ވެސް ހުއްޓާލާފަ އެވެ. ބޭންކުން ބުނަނީ އެ ހިދުމަތް ދިނުމާ ނުދިނުން ބިނާވަނީ ބޭންކުގެ ޑޮލަރު ރިޒާވަށް ކަމަށާއި މި ދުވަސްވަރު ޑޮލަރު ލިބުން ތާށިކަމުން ޑޮލަރު އެހީ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. އެ ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 ޕަސެންޓެވެ. އިތުރު 4.1 ޕަސެންޓު ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 33.7 ޕަސެންޓުގެ ހިއްސާދާރުންނަކީ އާންމުންނެވެ.