އައްޑު އަތޮޅު މަރަދޫގެ ނިކަމެތި ރައްޔިތަކާއި ދެކޮޅަށް ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުން ކޯޓުގައި ދައުވާ ކޮށްފިއެވެ. އޭނާއާއި ދެކޮޅަށް ދައުވަ ކޮށްފައިވަނީ އެސްއެމްއީ ބޭންކުން ނެގި ލޯނެއް ނުދައްކައިގެންނެވެ. މި ގޮތަށް އޭނާ އާއި މެދު ދައުވާ ކޮށްފައިވާއިރު، ސަރުކާރު ކުންފުންޏެއް ކަމަށްވާ މިފްކޯއިން އޭނާއަށް މަސްކިރުމަށްފަހު ދޭން ހުރި އެތައް ފައިސާ ނުދީ ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މަސްވެރިކަމަށް ނެގި މި ލޯނަށް، ފައިސާ ދެއްކެން އޮތީ މަސްވެރިކަމުން ލިބޭ އާމްދަނީ އިންނެވެ. މި އާމްދަނީ ލިބެނީ ސަރުކާރުން ކިރާ މަހަށް ފައިސާ ދީގެންނެވެ.
މި ލޯން ނަގާފައި ވަނީ ދޯނީގެ އިންޖީނު އަޅާށެވެ. ލޯނަށް ފައިސާ ނުދެއްކޭތާ 4 މަސް ވެފައި ވާތީ ނިކަމެތި ރައްޔިތަކާއި މެދެ މުއިއްޒުގެ ސަރުކާރުން އަނިޔާވެރި ވެފައިވަނީ، މިފްކޯއިން ދޭން ހުރި ލާރި ފުރިހަމަ އަށް ނުދީއެވެ. އެހެން ކަމުން ލޯނަށް ފައިސާ ދައްކާނެ އެއްވެސް މަގެއް އެ އާއިލާއަށް ފެނިފައި ނެތެވެ.
ސިވިލް ކޯޓަށް މުއިއްޒުގެ ސަރުކާރުން ހުށައަޅާފައިވާ ދައުވާ އާއި ގުޅިގެން އެ ކޯޓުގެ ބ ސެކްޝަނުން މިހާރު ވަނީ އޭނާއަށް މެސެޖް ކޮށް ޗިޓް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކާބޯތަކެއްޗާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދަމުން ދާއިރު، މުއިއްޒުގެ ސަރުކާރުގެ ޑިޕިއުޓީ މިނިސްޓަރުންގެ އަދަދު މިހާރު 100 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، މަހަކަށް މި މީހުންގެ މުސާރައަށް އެކަނި 11 މިލިއަން ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރެއެވެ.