މިއަދު ކުރިއަށްގެންދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މައްސަލަ ބޮޑުވެ، މެދު ހެންވޭރު ދާއިރާގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސްތަކެއް ބަޔަކު ވީދާލައިފި އެވެ.
ވޯޓުލުން ކުރިއަށްދަނިކޮށް ވެސް ކަލާފާނު ސްކޫލުގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮށި ކައިރީ މައްސަލަ ޖެހުނެވެ. މައްސަލަ ޖެހުނީ ވޯޓާސް ލިސްޓުގައި ބައެއް މީހުންގެ ނަން ނެތުމާއި ޕާޓީ ދަފުތަރުގައި ނެތް ބަޔެއްގެ ނަން ލިސްޓުގައި އޮތުމުންނެވެ.
މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލީ ހަސަން ރަމީޒް (ޓިމޯ) އާއި ހުސެއިން ނާސިހެވެ. އޭގެ އިތުރުން ހަސަން ޝިޔާމް (ވީބީ ޝިޔާމް) ވެސް ކުރިން ވާދަ ކުރަން ނިންމި އެވެ. ނަމަވެސް އޭނާ ފަހުން ނަން ނެގީ އެވެ. މީގެ ތެރެއިން ނާސިހުއަކީ ރައީސް މުއިއްޒު ތާއީދުކުރާ ކެނޑިޑޭޓެވެ.
މަންޒަރު ދުށް ބައެއް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ވޯޓު ކަރުދާސްތައް އުކާލައި، ވަރަށް ގިނަ ކަރުދާސްތައް ވީދާލީ ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވި ގޭންގަކުން ކަމަށެވެ. ވޯޓު ކަރުދާސްތައް ވީދާލިއިރު، ހުރީ ވޯޓުތައް ވަކިކޮށް، ބަންޑެލި ޖަހާފައި ކަމަށް އޭނާ ބުންޏެވެ.
"ބަންޑެލި ޖެހީމާ އެނގޭނެތާ ވޯޓު ގިނައީ ކޮން ކެންޑިޑޭޓަކަށްކަން. ދެން އެ ހިސާބުން އައިސް ހައިޖާނު ހަދާލާފައި ވޯޓުތައް އުކާލީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.
ވޯޓު ކަރުދާސްތައް ވީދާލުމުގައި އިސްކޮށް އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ގެންދާ މަންޒަރުގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. ވީދާލި ކަރުދާސްތައް ހުރީ ބިންމަތީގައެވެ.
އެހެންނަމަވެސް މި ފޮށީގެ ވޯޓު ގުނުން ފަހުން ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުން ސެކިއުރިޓީ ދީގެން ހަމައެކަނި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައެވެ.
މެދު ހެންވޭރު ދާއިރާގައި ހިމެނޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕާޓީ އާއި ވޯޓާސް ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ދާއިރާގެ ބައެއް މީހުން ބުނެ އެވެ. އެގޮތުން، ރެއާ ހަމައަށް ލިސްޓުގައި އޮތް 329 މީހެއްގެ ނަން މިއަދު ވޯޓާސް ލިސްޓުގައި ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ.