މިއަދު ބޭއްވިގެން ދިޔަ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައީގެ ބައެއް ދާއިރާތަކުގެ ނަތީޖާ ކަށަވަރުވެގެން ދިޔަނަމަވެސް, ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދިޔައިރު ހިނގި ހަމަނުޖެހުންތަކާއި, އަދި މަކަރާއި ހީލަތުން ވޯޓު އޮޅުވާލުމަށް ގަސްތުގައި ހިންގާފައިވާ އަލަމްތަކާއި ގުޅިގެން ގިނަ ދާއިރާތަކުގެ ނަތީޖާ އަދިވެސް ވަނީ ކަށަވަރު ނުކުރެވިއެވެ.
އެގޮތުން ބައެއް ދާއިރާތަކުގެ ވޯޓު އޮޅުވާލައިގެން, ޕީއެންސީގެ ލީޑަރޝިޕުން ބޭނުންވާ ގޮތަށް ނަތީޖާ އިއުލާން ކުރުމަށް މަސައްކަތް ކުރިނަމަވެސް, އެ ދާއިރާތަކަށް ވާދަކުރި ކެނޑިޑޭޓުންގެ ސަޕޯޓަރުންގެ ނުރުހުމާއި ހެދި ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާވެސް އަދިވެސް އިއުލާން ކުރެވިފައެއް ނުވެއެވެ.
އެގޮތުން މާލޭގައި ކުރިޔަށްދިޔަ މެދުހެންވޭރު ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްދިޔަ ފަހުން, އެ ވޯޓު ފޮއްޓަށް ލީ ވޯޓުތައް ގޭންގުތަކުން ވަނީ ގޮސް ވީދާލާފައެވެ. އޭގެ ކުރިންވެސް މިއަދުގެ ވޯޓުލުން ކުރިޔަށް ދިޔައިރުވެސް ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވަނީ ވޯޓުލީ މީހުންގެ މެދުގައި މާރާމާރީވެސް ހިންގާފައެވެ.
އޭގެ އިތުރުން ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ބޭއްވުނު ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އަދިވެސް ވަނީ އިއުލާން ކުރެވޭ ގޮތް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ ހަމަނުޖެހުން އުފެދުނީ ސީދާ ރައީސް މުއިއްޒު ޕްރައިމަރީގެ ތެރެއަށް އަތްބާނާ, ވަކި ކެނޑިޑޭޓުންތަކެއް ހޮވުމަށް އަމުރު ކުރެއްވުމުގެ ސަބަބުން ކަމުގައެވެ.
އެގޮތުން ނަތީޖާ ބަދަލު ކުރުމަށް, ޕްރައިމަރީގެ ކުރިންވެސް ވަނީ ވޯޓުލާމީހުންގެ ލިސްޓުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ލިސްޓުތަކުން އުނިކޮށް, އަދި ޖޭޕީއާއި އެމްޑީޕީގެ މެމްބަރުން ވޯޓާސް ލިސްޓުތަކުގައި ހިމަނާފައިވާކަންވެސް ވަނީ އެނގިފައެވެ.
ރައީސް މުއިއްޒުގެ ރުހުން އޮތް ކެނޑިޑޭޓުންނަށް ޕްރައިމަރީ ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރުމަށް ހެދި މަކަރާއި, ކުރިން ވައްކަންތަކާއެކުވެސް, މިއަދުގެ ޕްރައިމަރީގެ ނަތީޖާ ނުކުތްއިރު ގިނައިން ކާމިޔާބު ކޮށްފައިވަނީ ރައީސް ޔާމިންއަށް ތާއީދުކުރާ ކެނޑިޑޭޓުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.