ޚަބަރު

އަބުދުއްރަހީމްގެ ދަރިފުޅަށާއި, އާދަމް ޝަރީފްގެ އިތުރުން ޑރ. ހައިދަރއަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމައިފި

ދިޔަވަރު
އަބުދުއްރަހީމްގެ ދަރިފުޅަށާއި, އާދަމް ޝަރީފްގެ އިތުރުން ޑރ. ހައިދަރއަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގައި ރުހުން ނުދޭން ނިންމައި ދަ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް މިއަދު ނެރެފި އެވެ.

"ދިޔަވަރު އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން މިއަދު ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްއާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފްއާއި އަދި ހައުސިން މިނިސްޓަރ ޑރ. ހައިދަރު ހިމެނެއެވެ.

މީގެ ތެރެއިން އަބުދުއްރަހީމްގެ ދަރިފުޅަށް ރުހުން ނުދެނީ އޭނާއަކީ މަގާމް ގާބިލް ބޭފުޅަކަށް ނުވުމުގެ އިތުރުން އިންޑަސްޓްރީގެ އިސްފަރާތްތަކުގެ ރުހުންވެސް އޭނާއަށް ނެތުމުންނެވެ. އާދަމް ޝަރީފަށް ރުހުން ނުދެނީ އޭނާ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުއްވުމަށް މަސައްކަތް ކުރައްވާފައި ވާތީއާއި, އޭނާގެ ވަޒީރުކަމަކީ "ބޭކާރު" މަގާމެއް ކަމަށްވެސް ދެ ޕާޓީން ދެކޭކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ޑރ, ހައިދަރަށް ރުހުން ނުދޭން ނިންމާފައިވަނީ ކުރީ ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައި ފްލެޓާއި ގޯދި އޭގެ ހައްގުވެރީންނަށް ދިނުމަށް އޭނާ ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.

ވަޒީރުންނަށް ރުހުން ދިނުން ހިމެނޭހެން ބަައެއް މުހިއްމު މަސައްކަތްތައް ކުރަން މަޖިލީހުގައި މިއަދު ބާއްވާ ދައުރުން ބޭރު ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.

ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ދަމަހައްޓަން ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީންނެވެ،" ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމާ އެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވި މެމްބަރުން އުފެއްދި ދަ ޑިމޮކްރެޓްސްއިން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި އެކުގައި މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.