އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ބަކްލާމާ) އިން "ޒިއަންގް ޔޮންގް 03" މީގެ ކުރިން ހުއްޓުވާފައިވަނީ 2021 ވަނަ އަހަރު ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ސްޓްރެޓެޖިކް ސުންޑާ ކަނޑުއޮޅިގައި އޭއައިއެސް އާ ނުލައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭއައިއެސް އަކީ އުޅަނދުފަހަރު ދުއްވާ ތަންތަން ޓްރެކްކޮށް ދެނެގަތުމަށް ބޭނުންކުރާ މެރިޓައިމް ނެވިގޭޝަން އެންޑް ކޮމިއުނިކޭޝަން ސިސްޓަމެކެވެ. މި ސިސްޓަމް ނިއްވާލައިގެން ބޮޑެތި ބޯޓު ފަހަރުތައް ދުއްވުމަކީ ބައިނަލްއަގުވާމީ ގަވާއިދު ތަކާއި ޚިލާފު ކަމެކެވެ.
އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ބަކްލާމާ) އަށް، ޗައިނާގެ އުޅަނދެއް އުޅޭކަމަށް ބެލެވިގެން ހޯދާފައި ވަނީ "ޒިއަންގް ޔޮންގް 03" ދުއްވަމުން ދިޔަ ސަރަހައްދާއި މާ ދުރު ނޫން ހިސާބަކުން، މަކަސަރު ކަނޑުއޮޅިން ޗައިނާގެ ސާވޭ ޑްރޯނެއް ފެނުމާއި ގުޅިގެން އެ ސަރަހައްދުގައި ޗައިނާގެ ޖާސޫސީ ބޯޓެއް ހަރަކާތްތެރި ވާ ކަމަށް ޝައްކު ކުރެވިގެން ހޯދި ހޯދުމުންނެވެ. އިންޑޮނޭޝިޔާގެ ޕެޓްރޯލް އުޅަނދު ކޭއެން "ޕުލާއު ނިޕާ 321" އިން ވަނީ އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން، ސުންޑާ ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ޗައިނާގެ ޖާސޫސީ އުޅަނދު ޒިއަންގް ޔޮންގް 03 ހުއްޓުވާފަ އެވެ.
ޗައިނާގެ ޖާސޫސީ އުޅަނދާއި، އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ބަކްލާމާ) އިން އޭއައިއެސް ނިއްވައިގެން ސިއްރުން އެ ސަރަހައްދުގައި އުޅެމުންދާ ސަބަބާއި ގުޅޭ ގޮތުން، ސުވާލުކުރުމުން، އޭއައިއެސް ގައި މައްސަލަ ޖެހިފައި ވާ ކަމަށް ޗައިނާގެ ޖާސޫސީ މަނަވަރުން ބުނެފައިވެއެވެ. ނަމަވެސް، އޭއައިއެސް ގައި މައްސަލަ އެއް ދިމާވެއްޖެ ނަމަ، ވަގުތުން ހައްލު ކުރެވޭނެ ވަރަށް ޓެކްނިކަލް މީހުންނާއި، އެކަމަށް ބޭނުންވާ ސްޕެއަރ ހުރުމަކީ މަޖުބޫރު ކަމަކަށް ވާއިރު، ޗައިނާއިން، މިކަމުގައި އިންޑޮނޭޝިޔާ ސަރުކާރަށް ދީފައި ވަނި ދޮގު މައުލޫމާތު ކަމަށް ގަބޫލު ކުރެވެއެވެ.
އޭޝިއާ ޓައިމްސް ގައި ވާ ގޮތުގައި އިންޑޮނޭޝިއާއިން އާކިޕެލެޖިކް ކަނޑުގެ ލޭންތަކަށް ޓްރާންސިޓްކުރާ ހުރިހާ އުޅަނދެއްގައި ވެސް އޭއައިއެސް ހުންނަން ޖެހެއެވެ. އަދި އުޅަނދުތަކަށް އޯޝަނޯގްރަފިކް ދިރާސާތައް ކުރުން މަނަލެވެ. އެހެން ކަމުން، ޗައިނާ ގެ ޖާސޫސީ މަނަވަރުން ކޮށްފައިވަނީ އިންޑޮނޭޝިޔާގެ ޤާނޫނުތަކާއި ޚިލާފު ކަމެކެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިންޑޮނާޝިޔާގެ ބަކްލާމާގެ ކަމާއި ބެހޭ ފަރާތްތަކަށް ވަނީ ޗައިނާގެ ޖާސޫސީ ބޯޓަށް ނޭރިފައެވެ. މުއާމަލާތްތައް ކޮށްފައިވަނީ ރޭޑިޔޯއިންނެވެ. އަދި ޕެޓްރޯލް ބޯޓުން ވަނީ އިންޑޮނޭޝިއާގެ އީއީޒެޑް ސަރަހައްދުން "ޒިއަންގް ޔަންގް ހޮންގް 03" ނެރެފަ އެވެ.
އޭއައިއެސްގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި އެ ބޯޓު ޗައިނާގެ ހައިނާން އައިލެންޑުން އޭރު ފުރާފައިވަނީ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ޗައިނާގެ ޖާސޫސީ ބޯޓުން ދަތުރު ކުރަމުންދާ ގޮތުގެ މައުލޫމާތު ގަވާއިދާއި އެއްގޮތަށް ފުރިހަމައަށް ފޯރުކޮށްފައި ވަނީ ދެކުނު ޗައިނާ ކަނޑު އަދި ޖާވާ ކަނޑުން ދެކުނު ފަރާތަށް ދަތުރުކުރަމުން ދިޔަ އިރު އެކަންޏެވެ. މި ހާދިސާ ހިނގާފައި ވަނީ 2021 ވަނަ އަހަރުއެވެ.
އާންމު ގޮތެއްގައި ބޮޑެތި ބޯޓުފަހަރުތައް އޮތް ތައް އެނގޭނޭހެން ކޮންމެ ދުވަހަކުވެސް މައުލޫމާތު ފޯރު ކޮށްދެއެވެ، ރާއްޖެ މިހާރު އައުމަށް ކަނޑުމަތީ އޮތް، "ޒިއަންގް ޔޮންގް 03"ގެ މައުލޫމާތު ލިބިފައިވަނީ މީގެ 5 ދުވަސް ކުރިންނެވެ. މި ގޮތުން އެންމެ ފަހުން ލިބުނު މައުލޫމާތުން ދައްކަނީ ޗައިނާގެ މި ޖާސޫސީ ބޯޓު ދަތުރު ކުރަމުންދާ މިސްރާބު ވީހާވެސް ބޮޑަށް ސިއްރުކޮށް "ޒިއަންގް ޔަންގް ހޮންގް 03" ރާއްޖެއާއި ދިމާލަށް، މަޑު ސްޕީޑެއްގައި ދުއްވަމުން ދާ ކަމެވެ. ބެލެވޭ ގޮތުގައި، "ޒިއަންގް ޔަންގް ހޮންގް 03" ރާއްޖެއަށް އައުމުގެ މަގުމަތީ އިންޑިޔާ ކަނޑުގެ ޖާސޫސީ މައުލޫމާތު ތައް އެދަނީ އެއް ކުރަމުންނެވެ. މިއީ މިސަރަހައްދުގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
މީގެ ކުރިން، ލަންކާގެ ބަނދަރަށް، ޗައިނާގެ ޖާސޫސީ އުޅަނދުތައް ބަނދަރު ކުރާ މައްސަލާގައި އިންޑީޔާއާއި، އެމެރިކާއިން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އަސްކަރީ އޮބްޒާވަރުން ޝައްކުކުރާ ގޮތުގައި "ޒިއަންގް ޔަންގް ހޮންގް 03" އަކީ މީގެ ކުރިން ވެސް އިންޑިއާގެ ކަނޑުގެ ސަރަހައްދާ ކައިރީގައި ސާވޭތަކެއް ކޮށްފައިވާ ބައެކެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، "ޒިއަންގް ޔަންގް ހޮންގް 03" ސުންޑާ ކަނޑުއޮޅި ހުރަސްކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ދިޔަ އިރު، އިންޑޮނޭޝިއާގެ ހުޅަނގުފަރާތުގައި އޮންނަ ކަނޑުގެ އަޑިއާއި، ބޭ އޮފް ބެންގާލްއާ ހަމައަށް ވަނީ ސަރވޭ ކޮށްފައެވެ. މި ސަރަހައްދަކީ އިންޑިއާ އާއި އޮސްޓްރޭލިއާގެ ސަބްމެރިން އޮޕަރޭޝަންތަކަށް މުހިންމު ސަރަހައްދެކެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ވެސް ޗައިނާގެ މިފަދަ އުޅަނދެއް ސާވޭތައް ކުރަމުން ދިޔަ ތަން ވަނީ ފެނިފަ އެވެ.
ޗައިނާގެ ޖާސޫސީ ބޯޓު، ދުއްވަމުންދާ ބާރުމިނަށް ބަލާއިރު، މާލެއަށް މި ބޯޓު ބަނދަރު ކުރާނީ ޖެނުއަރީ 8 ގައި ކަމަށް ބެލެވެއެވެ. މިއީ މަޑުން ދުއްވަމުން، ކަނޑު އަޑި މެޕްކޮށް، ޖާސޫސް ކުރުމުގެ ކުޅަދާނަ ކަން ލިބިފައިވާ ނުރައްކާތެރި މަނަވަރެކެވެ. އަދި 2021 ވަނަ އަހަރު ހަމަ މި ބޯޓު، އިންޑޮނޭޝިޔާ ސަރުކާރުން އެމީހުންގެ ޕެޓްރޯލް އުޅަނދު ބޭނުން ކޮށްގެން އެ ޤައުމުގެ ސަރަހައްދުން ބޭރު ކުރަން ޖެހުމަކީ، މިކަމުގައި އޮތް ނުރައްކާ ސާފުކޮށް އެނގޭ ކަމެކެވެ.