ޚަބަރު

ސަރުކާރު މެމްބަރުން މަސްތުވާތަކެތި ބޭނުން ކޮށްގެން، މަޖިލިސް ބަންދު ކޮށް، ހަމަޖެހުން ނަގާލުމަށް އުޅުމުން، ރުހުން ދިނުން ކުރިއަށް ނުގެންދެވި، ޖަލްސާ މެދުކަނޑާލައިފި!

ދިޔަވަރު
ސަރުކާރު މެމްބަރުން މަސްތުވާތަކެތި ބޭނުން ކޮށްގެން، މަޖިލިސް ބަންދު ކޮށް، ހަމަޖެހުން ނަގާލުމަށް އުޅުމުން، ރުހުން ދިނުން ކުރިއަށް ނުގެންދެވި، ޖަލްސާ މެދުކަނޑާލައިފި!

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލިހުގެ ތަޅުމުން އެ ކަމާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބާއްވަން އުޅުނު މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން މެދުކަނޑާލައިފި ވަނީ އެބޭފުޅުން ތެރޭ ބަޔަކު މީހުން މަސްތުވާތަކެތި ބޭނުންކޮށް ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ.

ޖަލްސާ މެދުކަނޑާލާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ބުނެފައިވާއިރު، ބައެއް މެންބަރުން ވެސް ވަނީ މަޖިލިސް އިދާރާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރުންނާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވޯޓު ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.