ޚަބަރު

ކުރީގެ ނާއިބު ރައީސް ޖިހާދުއަށް, ފައިނޭޝަލް ސްޓްރަޓިޖިސްޓްގެ ނަމުގައި, އެމްޓީސީސީން އެއްލައްކަ ރުފިޔާގެ ބޮޑު ވަޒީފާއެއް ހަމަޖައްސައިފި

ދިޔަވަރު
ކުރީގެ ނާއިބު ރައީސް ޖިހާދުއަށް, ފައިނޭޝަލް ސްޓްރަޓިޖިސްޓްގެ ނަމުގައި, އެމްޓީސީސީން އެއްލައްކަ ރުފިޔާގެ ބޮޑު ވަޒީފާއެއް ހަމަޖައްސައިފި

ކުރީގެ ނައިބު ރައީސް ޖިހާދުއަށް, ފައިނޭޝަލް ސްޓްރަޓިޖިސްޓްގެ ނަމުގައި, އެމްޓީސީސީން އެއްލައްކަ ރުފިޔާގެ ބޮޑު ވަޒީފާއެއް ހަމަޖައްސައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, އެމްޓިސީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރީގެ ނާއިބު ރައީސް ޖިހާދުވަނީ މިހާރު ވަޒީފާއަށް ނިކުންނަވަންވެސް ފައްޓަވާފައެވެ.

ޖިހާދުއަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީއަށް މަސައްކަތް ކޮށްދިން ފަރާތެކެވެ. އޭނާ ޕީޕީއެމްއާއި ގުޅިވަޑައިގަތީ ރިޔާސީ އިންތުޚާބުގެ ފުރަތަމަ ބުރަށްފަހުއެވެ.

ޖިހާދުއަކީ މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ޅިޔަން ވިދާޅުވާ ބޭފުޅެކެވެ.

ދައުލަތުގެ ޚަރަދު ބޮޑުވެ, މުވައްޒަފިންނަށް މުސާރަ ނުދެވި, ބޭންކު އޮފް މޯލްޑިވްސްއިން, ރައްޔިތުންގެ ޑިޕޮސިޓަރީގައި ހުރި ފައިސާ ވިތްޑްރޯކުރަން ޖެހިފައިވާއިރު, ސަރުކާރުން އަދިވެސް ދަނީ ބޮޑެތި މުސާރަދޭ ސިޔާސީ މަގާމްތައް އުފައްދަމުންނެވެ.

އަދި ސަރުކާރުން ބުނަމުންދަނީ, އަދިވެސް ސިޔާސީ މަގާމްތައް ދާނީ އުފައްދަމުންކަމުގައެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި, ރައީސް މުއިއްޒުގެ ސަރުކާރުގެ މަތިބަރުވެ, އެންމެ ދެމަސް ދުވަހުގެ ތެރޭގައި މިނިސްޓަރުން ފެންވަރުގެ 45 ބޭފުޅަކު އައްޔަންކޮށް, 91 ސްޓޭޓް މިނިސްޓަރުންނާއި, 163 ޑެޕިއުޓީ މިނިސްޓަރުން މިހާތަނަށް ވަނީ އައްޔަން ކޮށްފައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތަށް ބަލާއިރު ވަޒީރުންގެ ފެންވަރުގައި މިހާތަނަށް ރައީސް މުއިއްޒު ވަނީ 45 ބޭފުޅަކަށް މަގާމް ދެއްވާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރައީސް މުއިއްޒުގެ އާއިލީ ތިމާގެ ބެފުޅުންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންވެސް ހިމަނައިގެން, ޖުމްލަ 299 ބޭފުޅުން މުސާރައަށް މަހަކު ދައުލަތުގެ މާލިއްޔަތުން 13 މިލއަން ރުފިޔާ ހޭދަކޮށް, މި ހުރިހާ ބޭފުޅުންގެ މުސާރައަށް އަހަރަކަށް 156 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ހޭދަކުރަން ޖެހޭނެއެވެ.