ޚަބަރު

ގޭންގު ސްޓާރުންނާއި ތަގުން ފޮނުވައިގެން މުއިއްޒުގެ ނުލަފާކަން ދައްކާލައިފި!

ދިޔަވަރު
ގޭންގު ސްޓާރުންނާއި ތަގުން ފޮނުވައިގެން މުއިއްޒުގެ ނުލަފާކަން ދައްކާލައިފި!

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން, ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ހުއްޓުވާފައިވަނިކޮށް, މުޒާހިރާ ކުރުމަށް ރައީސް މުއިއްޒު ގޭންގް ސްޓާރުންނާއި ތަގުން މަޖިލިސް ދޮށަށް ފޮނުފައިވިއެވެ.

މިއަދު ހެނދުނު ބޭއްވުމަށް ހަމަޖެއްސި ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން މަޖިލިހުގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އިހުތިޖާޖު ކުރަން ފެށުމާއެކު މުއިއްޒުވަނީ ސިޔާސީ ވަޒީފާތަކުގަ ހުރިހާ މުވބައްޒަފުން މަޖިލިސް ދޮށަށް މުޒާހިރާއަށް ދިއުމަށް އަމުރު ކޮށްފައެވެ.

ހަމައެއާއެކު މުއިއްޒު ވަނީ މާލޭގެ ގޭންގުތަކުންވެސް މަޖިލިސްދޮށަށް މުޒާހިރާއަށް ދިއުމަށް އަންގާ އަމުރު ކޮށްފައެވެ.

އެހެންނަމަވެސް މުއިއްޒުގެ އަމުރަށް މިއަދު އިހުތިޖާޖު ކުރުމަށް މަޖިލިސް ދޮށަށް ހާޒިރުވެފައިވަނީ 30 ވަރަކަށް ސިޔާސީ މުވައްޒަފުންނެވެ. އޭގެ ބަދަލުގައި ބައެއް ގޭންގު ސްޓާރުންނާއި ތަގުން ވަނީ މުއިއްޒުގެ އަމުރަށް މަޖިލިސް ދޮށަށް ގޮސް ފުލުހުންނަށާއި, އަދި މަޖިލިސް ބައެއް މެމްބަރުންނަށްވެސް މަރުގެ އިންޒާރުދީ ހަދާފައެވެ.

އަދި އެއަށްފަހު, ރައީސް އައްޔަން ކޮށްފައިވާ ބައެއް ސިޔާސީ މުވައްޒަފުން މުއިއްޒުގެ އެންގުމަށް ވަނީ, ސްޓެލްކޯއަށް އަންގައިގެން ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއްވެސް ވަނީ ނެރެފައެވެ.

އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.

ގިނަ ބަޔަކަށް މިހާރު ފާހަގަކުރާ ގޮތުގައި ރައީސް މުއިއްޒުގެ ހަގީގީ ސިފަ މިއަދުވަނީ ފެނިގެން ގޮސްފައެވެ. އަދި ތަގުންނާއި ގޭންގް ސްޓާރުން ބޭނުން ކޮށްގެން ރައީސް މުއިއްޒު މިއަދު އެކަމިކުފާނުގެ ހަގީގީ ސޫރައް ދައްކާލާފައިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.