އިންޑިއާގެ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި އޮތް ޚާއްސަ ރައްމިއްޔާތަށް, ރާއްޖޭގެ ހުންނަ އިންޑިއާގެ ހައިކޮމިޝަންއިން ދައުވަތު ފޮނުވުމުންވެސް ރައީސް މުއިއްޒުއާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަޑައެއް ނުގެންނެވިއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައި ވާ ގޮތުގައި މި ރަސްމިއްޔާތަށް ރައީސް މުއިއްޒުއާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން މި ސަރުކާރުގެ އިސް ވެރިންނަށް ދުރާލާ ދައުވަތު ފޮނުވާފައިވާފައި ވެއެވެ.
އެހެންނަމަވެސް ވަޑައި ނުގަންނަވާނެކަންވެސް ނާންގަވާ, ރައީސްއާއި ޚާރިޖީ ވަޒީރުގެ އިތުރުން މި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކު ރޭ ބޭއްވުނު ރަސްމިއްޔާތަށް ވަޑައިގެންފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތަށް ކުރީގެ ރައީސް ސާލިހުގެ އިތުރުން, ކުރީގެ ރައީސް ވަހީދުއާއި, މާލޭ ސިޓٍގެ މޭޔަރ އާދަމް އާޒިމްވެސް ވަނީ ވަޑައިގެންފައެވެ.
ދުނިޔޭގެ ގައުމުތަކުން ބާއްވާ މަތީ ފެންވަރުގެ މިފަދަ ރަސްމިއްޔާތުތަކަށް ވަޑައިގެންނެވުމަކީ ޚާއްސަކޮށް ގައުމުތަކުގެ ރައީސުންނާއި ޙާރިޖީ ވަޒީރުން ގެންގުޅުއްވާ ޑިޕްލޮމެޓިން ރިވެތި އުސޫލެކެވެ. އަދި އަމުދުން ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުން ބާއްވާ މިފަދަ މަތީ ފެންވަރުގެ ރަސްމިއްޔާތުތަކަށް ސަރުކާތަކުގެ އިސް އޮފިޝަލުން ވަޑައިގެންނެވުމަކީ ގައުމުތަކުން އަބަދުވެސް ގެންގުޅޭ ރިވެތި ޑިޕްލޮމެޓިކް އުސޫލެވެ.
އެގޮތުން ހާލަތު މެދުވެރިވާގޮތުން ގައުމުގެ ރައީސަށް މިފަދަ ރަސްމިއްޔާތަކަށް ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ, ޚާރިޖީ ވަޒީރު ރަސްމިއްޔާތަށް ވަޑައިގަންނަވާނެއެވެ.
އެހެންނަމަވެސް މިސަރުކާރުގެ ވެރިންގެ ކިބައިން ފެންނަމުންދަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ޑިޕްލޮމެޓިކް އުސޫލަށްވެސް ހުރުމަތެއް ނުބަހައްޓާ, ގައުމުގެއްގެ ހައިސިއްޔަތުން ބަހައްޓަންޖެހޭ ރިވެތި އާދަކާދަތައްވެސް މުގުރާލަމުންދާ މަންޒަރެވެ.
މީގެކުރިން ރައީސް މުއިއްޒުވަނީ އިސްވެ އިންޑިއާއަށް އިންޒާރު ދެއްވާ, އިންޑިއާއަށް ރާއްޖެއަށް "ގަނާ" ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ. މުއިއްޒުގެ އިންޒާރުތަކަށް އިންޑިއާއިން މިހާތަނަށް އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.