ޚަބަރު

ރޭ ބޭއްވުނު އިންޑިއާގެ ޖުމުހޫރީ ދުވަހުގެ ރަސްމިއްޔާތަށް މޫސާ ޒަމީރު ވަޑައި ނުގެންނެވީ މުއިއްޒު އަންގަވައިގެން! ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ޑިޕްލޮމެޓިކް ރިވެތި އުސޫލުތައްވެސް މި ސަރުކާރުން މުގުރާލާއިފި!

ދިޔަވަރު
ރޭ ބޭއްވުނު އިންޑިއާގެ ޖުމުހޫރީ ދުވަހުގެ ރަސްމިއްޔާތަށް މޫސާ ޒަމީރު ވަޑައި ނުގެންނެވީ މުއިއްޒު އަންގަވައިގެން! ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ޑިޕްލޮމެޓިކް ރިވެތި އުސޫލުތައްވެސް މި ސަރުކާރުން މުގުރާލާއިފި!

އިންޑިއާގެ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި އޮތް ޚާއްސަ ރައްމިއްޔާތަށް, ރާއްޖޭގެ ހުންނަ އިންޑިއާގެ ހައިކޮމިޝަންއިން ދައުވަތު ފޮނުވުމުންވެސް ރައީސް މުއިއްޒު ވަޑައިގެންފައި ނުވާއިރު, މިސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މި ރަސްމިއްޔާތަށް ވަޑައި ނުންނެވީ ރައީސް މުއިއްޒު އަންގައިގެންކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ, މި ރަސްމިއްޔާތަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދުރާލާ ދައުވަތު ލިބު ކަމަށެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވޭނެކަން ފޮރިން މިނިސްޓްރީން ރާއްޖޭގަ ހުންނަ އިންޑިއާގެ ހައި ކޮމިޝަންއަށް އަންގާފައި ނުވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ އިތުރުން މި ސަރުކާރުގެ އިސް ވެރީންނަށްވެސް އިންޑިއާ ހައި ކޮމިޝަންއިން ދައުވަތު ފޮނުވާފައި ވެއެވެ. އެހެންނަަމެވެސް ރައީސް މުއިއްޒުވެސް ރޭގެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވީ, ވަޑައިގެންނެވެން ނެތްކަން ކުރިން އެންގުމަކާވެސް ނުލައެވެ. ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކުވެސް ރޭގެ ރަސްމިއްޔާތަށް ވަޑައިގެންފައެއް ނުވެއެވެ.

ރޭގެ ރަސްމިއްޔާތަށް ކުރީގެ ރައީސް ސާލިހުގެ އިތުރުން, ކުރީގެ ރައީސް ވަހީދުއާއި, މާލޭ ސިޓٍގެ މޭޔަރ އާދަމް އާޒިމްވެސް ވަނީ ވަޑައިގެންފައެވެ.

ދުނިޔޭގެ ގައުމުތަކުން ބާއްވާ މަތީ ފެންވަރުގެ މިފަދަ ރަސްމިއްޔާތުތަކަށް ވަޑައިގެންނެވުމަކީ ޚާއްސަކޮށް ގައުމުތަކުގެ ރައީސުންނާއި ޙާރިޖީ ވަޒީރުން ގެންގުޅުއްވާ ޑިޕްލޮމެޓިން ރިވެތި އުސޫލެކެވެ. އަދި އަމުދުން ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުން ބާއްވާ މިފަދަ މަތީ ފެންވަރުގެ ރަސްމިއްޔާތުތަކަށް ސަރުކާތަކުގެ އިސް އޮފިޝަލުން ވަޑައިގެންނެވުމަކީ ގައުމުތަކުން އަބަދުވެސް ގެންގުޅޭ ރިވެތި ޑިޕްލޮމެޓިކް އުސޫލެވެ.

އެގޮތުން ހާލަތު މެދުވެރިވާގޮތުން ގައުމުގެ ރައީސަށް މިފަދަ ރަސްމިއްޔާތަކަށް ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ, ޚާރިޖީ ވަޒީރު ރަސްމިއްޔާތަށް ވަޑައިގަންނަވާނެއެވެ.

އެހެންނަމަވެސް މިސަރުކާރުގެ ވެރިންގެ ކިބައިން ފެންނަމުންދަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ޑިޕްލޮމެޓިކް އުސޫލަށްވެސް ހުރުމަތެއް ނުބަހައްޓާ, ގައުމުގެއްގެ ހައިސިއްޔަތުން ބަހައްޓަންޖެހޭ ރިވެތި އާދަކާދަތައްވެސް މުގުރާލަމުންދާ މަންޒަރެވެ.

މީގެކުރިން ރައީސް މުއިއްޒުވަނީ އިސްވެ އިންޑިއާއަށް އިންޒާރު ދެއްވާ, އިންޑިއާއަށް ރާއްޖެއަށް "ގަނާ" ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ. މުއިއްޒުގެ އިންޒާރުތަކަށް އިންޑިއާއިން މިހާތަނަށް އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.