ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމަކީ, ބައިނަލް އަގުވާމީ ދުނިޔެއާއި އެގައުމަކާ ގުޅުވައިދޭ އެންމެ މުހިންމު ވަސީލަތެވެ. އަދި ބައެއް ހާލަތްތަކުގައި އެ ގުޅުމަށް ބުރޫ އަރައިގެން ދިޔަ ނަމަވެސް, ސިޔާސީ ގުޅުން ކަނޑާ ނުލާހާ ހިނދަކު, ނުވަތަ ހަނގުރާމައިގެ ހާލަތަކަށް ނުދާހާ ހިނދަކު ދޭދޭ ގައުމުތަކުން އަބަދުވެސް ޑިޕްލޮމެޓިކް ރިވެތި އުސޫލުތައް ދަމަހައްޓައެވެ.
އޭގެ އެންމެ ވަރުގަދަ ހެއްކަކަށް ފެންނާން އޮތީ ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައި އޮތް ބޮޑެތި މައްސަލަތަކާއެކުވެސް ދެގައުމުން ދަމަހައްޓަމުންދާ ޑިޕްލޮމެޓިކް ގުޅުންތަކުގެ އާދަކާދައެވެ. އެގޮތުން އެމެރިކާގެ ރައީސްއާއި ޗައިނާގެ ރައީސަށް ބައްދަލު ކުރެވެއެވެ. ދެގައުމުގެ ވެރީންވެސް އެއްގައުމުން އަނެއް ގައުމަށް ވަޑައިގަންނަވައެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް (އެގައުމުގެ ޚާރިޖީ ވަޒީރު) އަށް ޗައިނާގެ ޚާރިޖީ ވަޒީރާއި ބައްދަލު ކުރެވެއެވެ. އެއްގައުމެއްގެ ރައީސް ކުރިޔަށް ނުކުންނަވާ އަނެއް ގައުމުގެ ރައީސަށް އިންޒާރުދީ ނުހައްދަވައެވެ. ހުންނަ އުދާސްތަކާއި ހިންހަމަ ނުޖެހުންތަކުގެ ވާހަކަތައް މުއާމަލާތު ކުރައްވަނީ ހަމަޖެހިފައި އޮންނަ ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން, އޮންނަ އުސޫލުތަކާއެއް ގޮތަށެވެ.
މިއީ, ހަނގުރާމައިގެ ހާލަތަކަށް ނުގޮސް, ނުވަތަ ދެގައުމެއްގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން ރަސްމީކޮށް ކަޑާނުލާހާ ހިނދަކު, ދެގައުމެއްގެ ދެމެދުގައި ދަމަޖައްޓަންޖެހޭ ޒަމާނީ ޑިޕްލޮމެޓިކް އާދަކާދައެވެ.
އަދި އަމުދުން ގައުމުގެ ރައީސްއާއި ޚާރިޖީ ވަޒީރަށް މިއާދަކާތައް މުގުރައެއް ނުލެވޭނެއެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ, އެ ދެބޭފުޅުންނަކީ ގައުމުގެ މޫނުމަތި ކަމުގައި ވާތީއެވެ. އެއީ ގޭންގު ސްޓާރުންނަށް ވެގެން ނުވާނެތީއެވެ.
އެހެންނަމަވެސް ރާއްޖޭގެ މިވަގުތު ވެރިކަމުގައި ތިއްބެވި އިސްވެރީންގެ ކިބައިން މިއަދު ފެންނަމުންދަނީ މި އުސޫލުތަކާއި މުޅިން ތަފާތު އަމަލުތަކެވެ. އޭގެ އެންމެ ފުރިހަމަ ހެއްކަކަށް ފުދިގެން ދިޔައީ އިންޑިއާގެ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި އޮތް ޚާއްސަ ރައްމިއްޔާތަށް, ރާއްޖޭގެ ހުންނަ އިންޑިއާގެ ހައިކޮމިޝަންއިން ދައުވަތު ފޮނުވުމުންވެސް ރައީސް މުއިއްޒުއާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަޑައެއް ނުގެންނެވި ނުގެންނެވުމެވެ.
”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތުދިން އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ, މި ރަސްމިއްޔާތަށް ރައީސް މުއިއްޒުއާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން މި ސަރުކާރުގެ އިސް ވެރިންނަށް ދުރާލާ ދައުވަތު ފޮނުވާފައިވާ ކަމުގައެވެ.
އެހެންނަމަވެސް ވަޑައި ނުގަންނަވާނެކަންވެސް ނާންގަވާ, ރައީސްއާއި ޚާރިޖީ ވަޒީރުގެ އިތުރުން މި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކު ރޭ ބޭއްވުނު ރަސްމިއްޔާތަށް ވަޑައިގެންފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތަށް ކުރީގެ ރައީސް ސާލިހުގެ އިތުރުން, ކުރީގެ ރައީސް ވަހީދުއާއި, މާލޭ ސިޓٍގެ މޭޔަރ އާދަމް އާޒިމްވެސް ވަނީ ވަޑައިގެންފައެވެ.
ދުނިޔޭގެ ގައުމުތަކުން ބާއްވާ މަތީ ފެންވަރުގެ މިފަދަ ރަސްމިއްޔާތުތަކަށް ވަޑައިގެންނެވުމަކީ ޚާއްސަކޮށް ގައުމުތަކުގެ ރައީސުންނާއި ޙާރިޖީ ވަޒީރުން ގެންގުޅުއްވާ ޑިޕްލޮމެޓިން ރިވެތި އުސޫލެކެވެ. އަދި އަމުދުން ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުން ބާއްވާ މިފަދަ މަތީ ފެންވަރުގެ ރަސްމިއްޔާތުތަކަށް ސަރުކާތަކުގެ އިސް އޮފިޝަލުން ވަޑައިގެންނެވުމަކީ ގައުމުތަކުން އަބަދުވެސް ގެންގުޅޭ ރިވެތި ޑިޕްލޮމެޓިކް އުސޫލެވެ.
އެގޮތުން ހާލަތު މެދުވެރިވާގޮތުން ގައުމުގެ ރައީސަށް މިފަދަ ރަސްމިއްޔާތަކަށް ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ, ޚާރިޖީ ވަޒީރު ރަސްމިއްޔާތަށް ވަޑައިގަންނަވާނެއެވެ.
އެހެންނަމަވެސް މިސަރުކާރުގެ ވެރިންގެ ކިބައިން ފެންނަމުންދަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ޑިޕްލޮމެޓިކް އުސޫލަށްވެސް ހުރުމަތެއް ނުބަހައްޓާ, ގައުމުގެއްގެ ހައިސިއްޔަތުން ބަހައްޓަންޖެހޭ ރިވެތި އާދަކާދަތައްވެސް މުގުރާލަމުންދާ މަންޒަރެވެ.
މިއީ އަދުގެ ދުނިޔޭގައި އެއްވެސް ގައުމަކުން ގެންގުޅެމުން ނުދާ, ބޯދާ ޚާރިޖީ ސިޔާސަތެއްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މީގެކުރިން ރައީސް މުއިއްޒުވަނީ އިސްވެ އިންޑިއާއަށް އިންޒާރު ދެއްވާ, އިންޑިއާއަށް ރާއްޖެއަށް ”ގަނާ“ ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް, މުއިއްޒުގެ އިންޒާރުތަކަށް އިންޑިއާއިން މިހާތަނަށް ރަސްމީ އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ގައުމުތަކުގެ ވެރީން "ބަތްކައްކާ" ކުޅޭ އުސޫލުން, އެއްވެރިއަކު އަނެއް ވެރިއަކަށް އިންޒާރުދީ, ދިމާކޮށް, ގޭންގު ސްޓާރުންހެން, ތިމާވަރުގެ ވަރުގަދަ މީހަކު ނެތްކަމަށް ހެދިގެން އުޅުމުން, އަދުގެ ދުނިޔޭގެ ގައުމުތަކުން އެކަން ބަލައިގަންނާނީ ބޮޑު "ޖޯކެއްގެ" ގޮތުގައެވެ. ހަގީގަތުގައިވެސް ރާއްޖޭގެ މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ ކިބައިން ފެންނަމުންދަނީ މިފަދަ ތާކުންތާކު ނުޖެހޭ ސިފަތަކެވެ. ފެންނަމުން ދަނީ އެންމެ ދެމަސް ދުވަހުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ފެއިލްވެގެން ގޮސްފައިވާ ތަނެވެ.
ގައުމެއް ހައިސިއްޔަތުން ދިވެހި ގައުމު މިއަދުމިވަނީ ލަދުވެތިވާން ޖެހިފައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.