ފެނަކައިން ސަޕްލަޔަރުންނަށާއި، ކޮންޓްރެކްޓަރުންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދަރާފައި ވަނިކޮށް، މި ފައިސާ ހަލާސް ނުކޮށް، ލިއޯ ކުންފުނީގެ ވެރި ފަރާތް ކަމުގައިވާ، ސަވާދު އާއި އެކު ބޮޑެތި ކޮރަޕްޓް ޑީލްތަކެއް ފެނަކައިން ހަދާފައި ވަނީ، ސަވާދުގެ ކުންފުްންޏަކަށް ކޭޝް ކޮށް ފައިސާ ދީގެންނެވެ.
މި ގޮތުން ލިއޯ ސަވާދު އަތުން، މުދާ ނަގާފައި، ފެނަކައިން ވަނީ ކޭޝްކޮށް ފައިސާ ދޫކޮށްފައެވެ. ދިޔަވަރު ނޫހަށް ފެނަކައިގެ އުޅޭ 4 މުއައްޒަފަކު ވަނީ އެކި ފަހަރު މަތިން މި މައުލޫމާތު ހިއްސާކޮށް، މިކަމުގެ ޔަގީން ކަން ކަށަވަރު ކޮށްދީފައެވެ. އަދި މިކަމާއި ގުޅޭ ކިތާބީ ހެކި ދިޔަވަރު ނޫހަށް މިހާރު ވަނީ ލިބިފައެވެ.
މި ގޮތަށް ބޮޑު އަގުގައި ކޭޝްކޮށް ފައިސާ އެޑްވާންސް އަށް ދީގެން ލިއޯ ކުންފުނިން ވަނީ، ފިލްޓަރ ކޮންޓެއިނަރ އެއްގެ މުދާ ގެނެސްފައެވެ. މީގެ އިތުރުން ފެން ޕްލާންޓް ތަކަށް ބޭނުންވާ މެމްބްރައިން ތަކުގެ ކޮންޓެއިނަރ އެއް ގެނެސްގެން، އެވެސް ދަނީ ކޭޝްކޮށް ފައިސާ ދީގެން ބޮޑު އަގު ގައި ލިއޯ ސަވާދު އަތުން ފެނަކައަށް ނަގަމުންނެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން ކުރަމުން ދަނީ މުއިއްޒުގެ އަންހެނުން ސާޖިދާގެ އެންގުމަށެވެ. އަދި މި ޑީލް ތަކުން ސާޖިދާ ދަނީ ކޮރަޕްޓް ފައިސާ ނަގަމުންނެވެ. ރިޔާސީ އިންތިހާބުގައި، ސަވާދު ވަނީ 3 ފަހަރު މަތިން ސާޖިދާ އަށް 3 މިލިއަން ރުފިޔާ ހަވާލު ކޮށްފައެވެ.
މީގެ ބަދަލުގައި ފެނަކައިން ސަޕްލައި ކޭޝްކޮށް ކުރެވޭ ގޮތް ހެދުމާއި، ސަވާދުގެ ޅިޔަން ޒުހުރީ ފެނަކައިގެ ޑެޕިއުޓީ އެމްޑީއަކަށް ހެދުން ހިމެނެއެވެ.
މި ނޫނަސް ސަވާދު އާއި އެކު، ބޮޑެތި ކޮރަޕްޝަންތަކެއް ފެނަކައި ދަނީ ހިންގަމުންނެވެ. އެމްޓީސީސީ އިން މިހާތަނަށް ކްރެޑިޓަށް ނަގަމުން އައި، އަޑީ ތެޔޮ ނެގުން ހުއްޓާލައި، އޭގެ ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެޔޮ މިހާރު ފެނަކައިން ވަނީ ގަންނަން ފަށާފައެވެ.