ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާ މިއަދު 1 ޖަހާއިރު 

ދިޔަވަރު
ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާ މިއަދު 1 ޖަހާއިރު 

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.

މަޖިލިހުގެ އިދާރާ އިން ޖަލްސާގެ އެޖެންޑާ އިއުލާންކޮށްފައިވާ އިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.

މަޖިލިހުގެ ޖަލްސާ އިއްޔެ އެންމެ ފުރަތަމަ ފެށީ ހެނދުނު 9:00 ގައެވެ. އެގޮތުން ކޮމިޓީ ރިޕޯޓު ހުށަހަޅައި މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައި މަޖިލިހުގެ ޖަލްސާ މެދުކަނޑާލީ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، މަޖިލިހުގެ ތަޅުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ ގަޑީގައި ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އޭގެ ފަހުން ރޭގައި ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ. އެގޮތުން އިއްޔެ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި ޕީޕީއެމް/ޕީއެންސީން ވަނީ ދޮރު ތަޅުލައި ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ. އެކަމަކު، ފަހުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންނަށް މަޖިލިހުގެ ތަޅުމަށް ވަދެވޭ ގޮތްވިއެވެ.

އެއާއެކީ، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގިއެވެ. މާރާމާރީ ބޮޑަށް ހިންގީ އެއް ބަޔަކު، އަނެއް ބަޔަކު މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރަމުންނެވެ. ހަމަނުޖެހުން ބޮޑުވެގެން އެންމެ ފަހުން ޖަލްސާ ބޭއްވޭ ގޮތް ނުވީއެވެ.

އޭގެ ފަހުން ރޭ 8:00 އާއި 10:30 ހާއިރު ޖަލްސާ ބާއްވަން މަސައްކަތް ކުރުމުން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.