ޚަބަރު

ޖަލްސާއަށް ހުރަސް އަޅާނަމަ ގައްސާނާއި އިހުސާނަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީން ނިންމައިފި

ދިޔަވަރު
ޖަލްސާއަށް ހުރަސް އަޅާނަމަ ގައްސާނާއި އިހުސާނަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީން ނިންމައިފި

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ ޖަލްސާއަށް ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕުން ނިންމައިފި އެވެ.

އެގޮތަށް ނިންމި ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ރުހުން ދިނުމަށް މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި ޖަލްސާ ދެން ބާއްވާނީ މެންދުރު ފަހު 1:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވެ އެވެ. އެހެން ނަމަވެސް, އެ ޖަލްސާ ފަސް ކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އެންމެ ފުރަތަމަ ޖަލްސާއެއް ތާވަލުކުރީ އިއްޔެ ހެނދުނަށެވެ. ނަމަވެސް, އެމްޑީޕީގެ ޕީޖީން އެކަމުގައި ވިޕެއް ނެރުމާ އެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސް އަޅައި ވޯޓު ހުއްޓުވާފަ އެވެ.

ދިޔަވަރަށް އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީއިން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.