ޚަބަރު

މުއިއްޒު އަޒުލު ކުރަން ނިންމައި ސޮއެ ހަމަކޮށްފި!

ދިޔަވަރު
މުއިއްޒު އަޒުލު ކުރަން ނިންމައި ސޮއެ ހަމަކޮށްފި!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީގެ މެމްބަރުން ތަކެއް ދިޔަވަރު އަށް ކަށަވަރު ކޮށްދިން ގޮތުގައި މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ރައީސް އަޒުލު ކުރަން ވަނީ ނިންމައިފަ އެވެ.

އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ..

އެމްޑީޕީން ބުނީ ރައީސް މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ކުރަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށެވެ. ރައީސް އަޒުލު ކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން މަސައްކަތް ފެށީ، ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓުވާފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން މިހާތަނަށް 34 މެމްބަރަކު ސޮއި ކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 ސޮޔެވެ.

ރައީސް މުއިއްޒު މަގާމުން ދުރު ކުރުމުގެ މަސައްކަތް އިދިކޮޅުން ފަށާފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކަށް ބަދަލުތަކެއް އިދިކޮޅުން ގެނެސްފައި އޮއްވަ އެވެ.

ގަވާއިދަށް ގެނެސްފައިވާ ބައެއް ބަދަލު
ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި ހަމަތަކާއި ތަރުތީބުތަކެއް މަޖިލީހުގެ ގަވާއިދަށް ގެންނަން ކޮމިޓީން ފާސްކުރި އެވެ. އެ ބަދަލުތަކަކީ؛

  • ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
  • ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
  • އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
  • ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
  • ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
  • އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް