ކުރީގެ ރައީސް ސޯލިހު މަސައްކަތް ކުރަނީ އިސްލާމްދީން ބަލިކަށި ކުރަން ކަމަށް އިސްލާމިކް މިނިސްޓަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި 31 މެމްބަރުންގެ ވޯޓުން ޝަހީމަށް ރުހުން ނުލިބުމުން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް ސޯލިހު މަސައްކަތް ކުރައްވަނީ އިސްލާމީ ދީން ބަލިކަށި ކުރަން ކަމަށެވެ.
"ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރު ވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވޭ،" ޝަހީމް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެމްބަރަކު ވޯޓު ދިނެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެމްބަރުންނެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދިން އަށް މެމްބަރަކު ތިއްބެވި އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޑިމޮކްރެޓްސް އިން ވެސް ޝަހީމަށް ރުހުން ނުދޭނެކަން އިއްޔެ ހާމަކޮށްފައިވެ އެވެ. އެއާއެކު ސޯލިހު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ސިޔާސީ މަސްލަހަތު ނަގާލުމަށްކަމަށް އިއްޔެ ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.