ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފި އެވެ.
އަލުން އައްޔަނު ކުރީ މިއަދު ރުހުން ނެތް ކަމަށް މަޖިލީހުން ފާސް ކުރި ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ވަޒީރުންގެ މަޖިލީހަށް ބަންޑާރަ ނައިބު އުޝާމް އައްޔަނު ކުރުމަށްފަހު އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އަލުން އައްޔަނުކޮށްފަ އެވެ.
ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުގައި ބޭއްވި ޖަލްސާ ބޭއްވުނީ އިއްޔެއިން ފެށިގެން ޖަލްސާ ބާއްވަން މަސައްކަތްކޮށް، އެތައް ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހުގަ އެވެ. މިކަމެއް ހިނގީ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެންނެވެ.