ޚަބަރު

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި 

ދިޔަވަރު
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި 

މި އަހަރުގެ މާޗް 17 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މަޖިލިހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

މަޖިލިހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ނުދެއްކުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މަޖިލިހަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ގެ ފީއެއް ދައްކަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހަށް ކުރިމަތިލާ މީހުން ދައްކާ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށެވެ. ނަގުދު ފައިސާ ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިހުގެ އިންތިހާބުގައި މާޗް 17 ގައި ބޭއްވި ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމްވެއްޖެ ހިނދެއްގައި އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން. ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހު ފަސް ކުރަން ޖެހިއްޖެ ނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން،" ހަބީބް ވިދާޅުވިއެވެ.

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާ ކުރަން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. އިންތިހާބު ފަސް ކުރަން ސިޔާސީ ޕާޓީތަކުންވެސް ދަނީ ގޮވަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި އޮތަސް ރަމަޟާން މަހުގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަަމަށެވެ. އަދި އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކާއި ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަަމަށް އެ އިސްލާހުގައި ވެއެވެ.

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާ ކުރަން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅި އިސްލާހުގެ ފުރަތަމަ ކިޔުން އާދިއްތަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. ފެބްރުއަރީ އެއްވަނަ ދުވަހު އޮންނަ ޖަލްސާގައި މި އިސްލާހުގެ އިބްތިދާއީ ބަހުސް އޮންނާނެ ކަމަށް ބެލެވެއެވެ