ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ކަމުގައިވާ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި, ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އަދި ހައުސިން މިނިސްޓަރ ޑރ. ހައިދަރު މިއަދު އޮފީހަށް ނިކުންނަވަން ފައްޓަވައިފިއެވެ.
މި ތިން ވަޒީރުނަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ރުހުން ނުދީފައެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، އޭނާއަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދީފައިވެއެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދީފައިވެއެވެ.
އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރު ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދީފައިވާއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދީފައިވެއެވެ.
ގާނޫނީ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ, އެއްވެސް ސަބަބަކާހެދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އައުލަބިއްޔަތުން ރުހުން ނެތްކަމަށް ކަނޑައެޅުމުން, ވަޒީރުންނަށް ވަޒީރުކަމުގެ ވާޖިބު އަދާ ނުކުރެވޭނެކަމުގައެވެ. އަދި އެއީ ގާނޫނު އަސާސީގެ މަހުފޫމާވެސް ޚިލާފު ކަމެއްގެ ގޮތުގައިވެސް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގެ 3 ވަޒީރަކަށް ރުހުން ނެތްކަމަށް ކަނޑައެޅުމުން, މުއިއްޒުވަނީ ދުސްތޫރީ ނިޒާމަށް ގޮންޖައްސަވާ ހަމަ އެ ވަޒީރުން އަލުން އެ މަގާމްތަކަށް އައްޔަން ކޮށްފައެވެ.