ނިމިގެން ދިޔަ، ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މުއިއްޒުގެ ކެންޑިޑޭޓުން ނެގުމަށް ޓަކައި މުއިއްޒުގެ ކޮންމެ ކެންޑީޑޭޓަކަށް 30 އާއި 150 އާއި ދެމެދު އަދަދުގެ ވޯޓު ކަރުދާސް ވަކިން ބަހާފައިވާ ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މި ގޮތަށް ވޯޓު ކަރުދާސް ބަހާފައި ވަނީ މުއިއްޒުގެ ކެންޑިޑޭޓުންނާއި ވާހަކަ ދެއްކުމަށް ފަހު، ތޮލާލް މެދުވެރިކޮށް ކަމަށާއި، ވޯޓާސް ލިސްޓުގައި އެމްޑީޕީ މީހުންނާއި، ޕީޕީއެމް އިން ކެނޑިފައިވާ ފަރާތްތައް ހިމަނާފައި ވަނީ، މި އިތުރަށް ދިން ވޯޓު ކަރުދާސްތައް ފޮށްޓަށް އެކި ގޮތްގޮތުން އެޅުމަށް ކަމަށް މި ޖަރީމާ ހިންގުމުގައި މުއިއްޒަށް އެހީތެރި ވެދިން ފަރާތެއް ހެއްކާއި އެކު ދިޔަވަރު ނޫހަށް ސާފުކޮށް ކިޔައި ދީފައި ވެއެވެ.
ބައެއް ފޮށިތަކަށް، ވޯޓާސް ލިސްޓަށް ވުރެ އިތުރަށް ވެސް ވޯޓު ލާފައި ހުންނާނެ! އެއީ އެގޮތަށް ދީފައިވާ ވޯޓު ކަރުދާސްތައް ލުމުން، އިތުރުވި އިތުރު ވުމެއް.
ދިޔަވަރު ނޫހަށް މައުލޫމާތު ދެމުން އޭނާ ކިޔައި ދިނެވެ.
މުއިއްޒު ފުރަތަމަ މަސައްކަތް ކުރީ، ސިޓީ ފޮނުވައިގެން އެތައް ބަޔަކު، ޕްރައިމެރީގައި ބައިވެރި ނުކުރެވޭ ގޮތް ހެދުމެވެ. ނަމަވެސް އެކަމުގައި ދިމާވި މައްސަލަތައް ބޮޑުވެ، ހަމަ ނުޖެހުންތައް ގިނަ ވުމުން، މަސްރަހު ހޫނުވުމުން ނިންމެވީ، އިތުރަށް ވޯޓު ކަރުދާސް ޕްރިންޓް ކޮށް މުއިއްޒު ބޭނުންވާ މީހުންނަށް ވޯޓު ކަރުދާސް ދިނުމަށް ކަމަށް ޕީއެންސީ ތެރެއިން މައުލޫމާތު ލިބިފައި ވެއެވެ.
ކެނޑިޑޭޓުންގެ ޝަކުވާ ހުރި ނަމަވެސް، އެއްވެސް ޝަކުވާއެއް ބެލުމުގެ އިންތިޒާމެއް މުއިއްޒު ހަމަ ޖައްސަ ދީފައި ނުވެއެވެ. ނޫސްތަކުންނާއި އެކި ގޮތް ގޮތުން ނަތީޖާތައް އިއުލާންކޮށް، ޖެހިގެން އައި ދުވަހު ޝަކުވާ ބެލުމެއް ނެތި ނަތީޖާ ވަނީ ނިންމާފައެވެ.
މުއިއްޒު އިސްނަގައިގެން ހިންގާފައިވާ މިފަދަ ޖަރީމާއެއް ބެލޭނެ ގޮތެއް ނެތް ކަން ގިނަ ބަޔަކަށް އެނގޭތީ، ދެން އޮތް ގޮތަކީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރުން ކަމަށް ބައެއް ކެންޑިޑޭޓުން ދަނީ ބުނަމުންނެވެ.
ދިޔަވަރު ނޫހުން މިހާރު މަސައްކަތް ކުރަމުން ދަނީ މި ގޮތުން، އިތުރަށް ވޯޓު ކަރުދާސް ދީފައިވާ ކެނޑިޑޭޓުންގެ ލިސްޓް ހޯދުމަށެވެ. ބައެއް ފަރާތްތަކުގެ ނަންތައް މިހާރު ދިޔަވަރު އަށް ލިބިފައި ވީނަމަވެސް، ފުރިހަމަ ލިސްޓު އަދި ލިބިފައި ނުވެއެވެ. އެއްވެސް ފަރާތެއްގެ އަތުގައި އެ ލިސްޓް ވާނަމަ، ނުވަތަ އެއީ ކޮން ބައެއް ކަން އެނގޭނަމަ، ފޮޓޯ އާއި އެކު ޓްވިޓަރ އިން މެސެޖް ކޮށްދެއްވުން އެދެމެވެ.