އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ރުހުން ނުދޭން އެމްޑީޕީއިން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރެވޭތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، ރުހުން ދިނުމުގެ މައްސަލާގައި ކޮންމެ ވަޒީރަކާ ގުޅޭގޮތުން ވެސް ޕީޖީ ބައްދަލުވުމުގައި ތަފުސީލީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
އެގޮތުން, ޝަހީމަށް ރުހުން ނުދޭން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ހުށަހެޅި ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ތެރޭގަ، ކުރިން [ޝަހީމްގެ] ހިއްސާ އޮތް، އެ ހިއްސާ ބަދަލުކުރުމަށްފަހު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފަ އޮތްކަމުގެ ތުހުމަތުތައްވެސް ޕީޖީ ގްރޫޕުގެ އެކި އެކި ބޭފުޅުން ހިއްސާކޮށްފަ އެބަހުރި"
އޭގެ އިތުރަށް ބިގޭ ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަޒީރަކަށް ރުހުން ނުދޭން ނިންމީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް އެ ކަންކަމާމެދު މަޝްވަރާކުރުމަށްފަހު މެޖޯރިޓީއިން އެގޮތަށް ފާސްވުމުން ކަމަށެވެ.
ޑރ.ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ. ޝަހީމްގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށްވެސް މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ.