ރައީސް، ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް އަޒުލު ކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އެ މަސައްކަތް ޕާޓީގެ ޕީޖީ ގްރޫޕުން ކުރަމުން އަންނަނީ ޕާޓީގެ ލީޑާޝިޕުގެ މަޝްވަރާގެ މަތިން ކަމަށެވެ.
ބިގޭ ވިދާޅުވީ، އެކަން ކުރުމަށް ބޭނުންވާ ސޮޔަށްވުރެ އިތުރަށް މިހާރު ސޮއި ވެސް ލިބިފައިވާ ކަމަށެވެ.
"ޕާލިމެންޓްރީ ގްރޫޕުން އެހުށަހެޅުން އޮތީ ފާސް ވެސް ކޮށްފަ. ދެން އަޅުގަނޑުމެން މިކަމާއި ގުޅޭ ގޮތުން ޕާޓީގެ ލީޑަރޝިޕްގެ ލެވެލްގެ އިސް މަޝްވަރާތައް ކުރުމަށްފަހު، މިކަން މިގެންދަނީ" ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕުން އެ ހުށަހެޅުން ފާސްވި ނަމަވެސް، އެ ހުށަހެޅުން މަޖިލީހަށް ހުށަހަޅާނީ ކޮން ދުވަހަކު ކަމެއް އަދި ނޭނގޭ ކަމަށާއި އެހުށަހެޅުން ހުށަހަަޅާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. ރަނގަޅު ވަގުތުގައި ހުށަހެޅުން ހުށަހަޅާނެ ކަމަށް ވިދާޅުވެ ބިގޭ ވަނީ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
"އެހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. ވަގުތާއި ހާލަތަށް ބަލާފަ އެހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ" ބިގޭ ވިދާޅުވިއެވެ.
ރައީސް އަޒުލު ކުރުމަށް ބޭނުންވާ ސޮޔަށް ވުރެ އިތުރަށް ސޮއި ލިބިފައިވާކަމަށް ބިގޭ ވިދާޅުވި ނަމަވެސް މަޖިލިހުގެ ގަވައިދުގައި ކުރިން އޮތް ގޮތުން އަދި ގާނޫނުއަސާސީގައި މިހާރު ވެސް އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ. އެ އުސޫލުން ބެލި ކަމުގައި ވިޔަސް، އެމްޑީޕީގައި މިހާރު 44 މެމްބަރުން ތިއްބެވުމުގެ ސަބަބުން މަޖިލިހުން ނަގާ އެފަދަ ވޯޓެއް ފާސް ކުރުމުގެ ފުރުސަތެއް ނެތެވެ. އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުލި ނަމަވެސް ގިނަވެގެން ލިބޭނީ 57 ވޯޓެވެ.