ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރު ކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އާ އެކު މަސައްކަތް ކުރުމަށް ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް އަޒުލުކުރުމުގެ މައްސަލާގައި ޑިމޮކްރެޓްސްގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުން ވެސް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ޝައުގުވެރިކަން އެ މެންބަރުން ފާޅުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހިމެނޭތޯ "އަދަދު" އިން ސުވާލުކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދާނީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތާއީދާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ރައީސުލްޖުމްހުރިއްޔާ އަޒުލުކުރުމާ ގުޅޭގޮތުން އެހެން ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ [ޝައުގު] އެބަހުރިތޯ، މިހާރުވެސް އެބަހުރި، އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ ތާއީދާ އެއްކޮށް ކަަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ މިކަން ކުރާނީ," އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން މިހާތަނަށް 34 މެމްބަރަކު ސޮއި ކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެންބަރެއްގެ ސޮއި ނުހިމެނޭ ކަމަށްވެސް މިއަދު އެމްޑީޕީއިން ވަނީ ބުނެފަ އެވެ.
ރައީސް އަޒުލުކުރުމުގެ ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 ސޮޔެވެ.
އިދިކޮޅުން ރައީސް އަޒުލުކުރުމުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ވަނީ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވައްދާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.