ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވައްދާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައިވެ އެވެ.
ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ވަނީ ތިިރިވެފަ އެވެ.
މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިއީ އޭރު އެމްޑީޕީގައި ތިބި މެމްބަރުން އެކަނި ވޯޓު ލައިގެން ވެސް އަޒުލުކުރެވޭނެ އަދަދެކެވެ. އޭރު ވެސް މިކަމާ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ މީހުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މަޖިލީހުގައި މެންބަރުންގެ އަދަދު މިހާރު ބެހިފައިވާ ގޮތް:
އެމްޑީޕީ: 44 މެންބަރުން
ދަ ޑިމޮކްރެޓްސް: 13 މެންބަރުން
ޕީޕީއެމް: 2 މެންބަރުން
ޕީއެންސީ: 14 މެންބަރުން
ޖުމްހޫރީ ޕާޓީ: 2 މެންބަރުން
އެމްޑީއޭ: 2 މެންބަރުން
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ: 3 މެންބަރުން (އެ މެންބަރުންގެ ތެރޭގައި އެމްއެންޕީގެ ދެ މެންބަރުން ހިމެނޭ)
ޖުމުލަ: 80 މެންބަރުން
މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުމުގައި އެމްޑީޕީން ވަނީ ރައީސް އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފަ އެވެ.
ނަމަވެސް އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅި ކަމެއް ސާފެއް ނޫނެވެ.