ޚަބަރު

ރުހުން ނުލިބުނު މީހުންނަށް، ހުވާ ލާ ދިނުމަށް ފަނޑިޔާރު ހުސްނު ސުއޫދު ވަޑައިގަތީ، އުއްތަމަ ފަނޑިޔާރު އެކަމާއި ދެކޮޅު ހައްދަވާފައި ވަނިކޮށް

ދިޔަވަރު
ރުހުން ނުލިބުނު މީހުންނަށް، ހުވާ ލާ ދިނުމަށް ފަނޑިޔާރު ހުސްނު ސުއޫދު ވަޑައިގަތީ، އުއްތަމަ ފަނޑިޔާރު އެކަމާއި ދެކޮޅު ހައްދަވާފައި ވަނިކޮށް

މަޖިލީހުން ރުހުން ނުލިބުނު، މިނިސްޓަރުން، އަލުން އައްޔަން ކުރަން ހުވާ ލާ ދިނުމަށް ހުސްނު ސުއޫދު ވަޑައިގެންފައި ވަނީ، އެކަމާއި އުއްތަމަ ފަނޑިޔާރު ދެކޮޅު ހައްދަވައި، ހުވާ ލާދިނުމަށް ނުދިޔުމުން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. އުއްތަމަ ފަނޑިފާރު އެކަމާއި ނުރުހުންވެ ވަޑައިގެންނެވީ ޤާނޫނީ ގޮތުން އެއީ ކުރެވޭނެ ކަމެއް ކަމަށް ޤާބޫލު ނުކުރެވޭތީއާއި، އަދި އެއީ އެއްބާރުން އަނެއް ބާރުގެ އިހްތިޞާސުގެ ތެރެއަށް ވެރިކަން ކުރާ ބާރުން އެދިގެން ވަނުން ކަމުގައި ބެލެވޭތީ ކަމަށް ލަފާ ކުރެވެއެވެ.

އުއްތަމަ ފަނޑިޔާރު ދެކޮޅު ހެއްދެވި ކަމެއް ކުރަން، މުއިއްޒުގެ އެންގުމަށް އެހެން ކޮންމެ ފަނޑިޔާރަކު ދިޔަ ނަމަވެސް އެކަން ވާނީ ރައްޔިތުންނަށް ބަލައިގަންނަށް ދަތި ކަމަކަށެވެ. އަދި އެއީ ފަނޑިޔާރު ބޭފުޅާގެ މައްޗަށް އާންމުގެ ހިތުގައި އޮންނަ އިތުބާރާއި، އިންސާފު ޤާއިމު ކޮށްދޭން އޮތް، ޖުޑިޝަލް ނިޒާމުގެ މިނިވަން ކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

އުއްތަމަ ފަނޑިޔާރުގެ ނިންމެވުމުން ދޭހަވަނީ، އެމަނިކުފާނު ސިޔާސީ ހަމަ ނުޖެހުމުގައި ކިލަނބުވެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ): މި މާއްދާގެ ދަށުން ނައިބު ރައީސް ފިޔަވައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މަގާމަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ މާއްދާއެކެވެ. މަޖިލީހުން އެއްވެސް ބޭފުޅަކު ބޭރުކޮށްލައިފިނަމަ، އެ ބޭފުޅަކު ވަޒީރަކަށް އައްޔަން ނުކުރެވޭނެ އެވެ. އެހެން ކަމުން އެފަދަ ކަމެއް ހުސްނުއްސޫދު ކުރެއްވީ ކޮން ހައިސިއްޔަތުން ކަމެއް، ކޮން ޤާނޫނީ އުސޫލަކުން ކަމެއް ދިވެހި ރައްޔިތުންނަށް އެނގުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހަމަ ހުންނަވާފައި ވަޑައިގެން ހުވާ ލާދެއްވުމަކީ އޭގައި ރީތި ގޮތެއް ކަމުގައި ރައްޔިތުން ނުދެކެއެވެ.

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ މާނަކުރުމާއި ތަންފީޒުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް ހުވާ ލާދިނުމުގައި ވަނީ އެފަދަ މައްސަލަ އެއް ނަމަ، އެކަން ހައްލު ކުރުމަށް ބޭނުންވާ އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހެއެވެ. އުއްތަމަ ފަނޑިޔާރަކީ މަޖިލީހުން ނިންމާ ނިންމުންތައް ހުރަސް އަޅާ ފަރާތެއް ގޮތުގައި ބައްލަވައި، މި ހާލަތުގައި ޤާނޫނު އުފައްދާ ބާރުގެ މައްޗަށް ގާނޫނު އަސާސީން އިން ތަން ނުދޭ ހުރަހެއް އުއްތަމަ ފަނޑިޔާރު އެޅުއްވި ކަމަށް، މާނަ ކުރެވިދާނެ ކަމަށް ބައްލަވައި، އެމަނިކުފާނު އެކަމުން ދުރަށް ޖެހި ވަޑައިގެންނެވީ ކަމުގައި ބެލެވެއެވެ.

އެ އުސޫލު ސްޕްރީމް ކޯޓުގެ އެހެން ފަރާތްތައް ދެމެހެއްޓުމަކީ އޭގެ އެންމެ ހަމަޖެހޭ އުސޫލެވެ.