ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށް ބާރު ދުވެލީގައި އެ މަސައްކަތް ކުރިޔަށް ގެންދާއިރު, ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަނު ހުންނަވައިފިއެވެ.
އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ރައީސް އަޒުލްކުރަން ފާސްކޮށްފައެވެ. އެއާއެކު ރައީސް އަޒުލްކުރުމަށް ބޭނުންވާ ވަރަށް ސޮއި ހަމަކުރެވިފައިވާ ކަމަށްވެސް އެމްޑީޕީން އިއްވެނީ ބުނެފައެވެ.
ރައީސް އަޒުލް ކުރުމުގެ މައްސަލައާއި އަދި ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާ ތިން ވަޒީރަކަށް ރައީސް މުއިއްޒު އަލުން ވަޒީރުކަން ދިނުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ބިގޭ ވިދާޅުވީ މިދައުރުގައި ރައީސް އަޒުލް ކުރުމުގެ މައްސަލަ މަޖިލިހަށް ވައްދާނެ ކަަމަށާއި, ވައްދާނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމުގައެވެ. އަދި ބިގޭ ވިދާޅުވީ ރައީސް އަޒުލް ކުރުމަށް, އެމްޑީޕީން ޕީއެންސީއަށް ދިޔަ މެމްބަރުންގެ ރުހުންވެސް ލިބޭނެ ކަމުގައެވެ.
އެމްޑީޕީން ރައީސް އަޒުލް ކުރުމުގެ މައްސަލަ ކުރިޔަށް ގެންދަން ފެށުމާއެކު, ރައްޔިތުންގެ މަޖިލީހުން ރުހުން ނެތްކަމަށް ފާސްކޮށްފައިވާ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްވަނީ, ރައީސް އަޒުލް ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމަށް ކުއްލިގޮތަކަށް ސުޕްރިމް ކޯޓަށް ހުށަހަޅާފައެވެ.
އަދި ސަރުކާރުގެ ސިޔާސީ އިސް ފަރާތްތަކުންވެސް މިމައްސަލާގައި އެމްޑީޕީއަށް ފާޑުކިޔަމުންދިޔަ ނަމަވެސް, މިކަމާއި ގުޅޭގޮތުން ނާއިބު ރައީސް އެއްވެސް އެޗެއް ވިދާޅުވެފައެއް ނުވެއެވެ. ހަމައެއާއެކު, އެމްޑީޕީން ނާއިބު ރައީސް އަޒުލް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ނުދާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލް ކޮށްފިނަމަ, ނުވަތަ އިސްތިއުފާ ދެއްވައިފި ނަމަވެސް, ދެން ރައީސްކަމަށް ވަޑައިގަންނަވާނީ ނާއިބު ރައީސްއެވެ.