ރައިސުލްޖުމްހޫރިއްޔާގެ ޑރ. މުއިއްޒުގެ ހާއްސަ ސިއްރު އެޑްވައިޒަރެއްގެ ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ފަރާތެއް އައްޔަން ކޮށްފި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ފަރާތެއް ރައީސްގެ އެޑްވައިޒަރަކަށް އައްޔަން ކޮށްފައިވާ އިރު، އޭނާގެ މުސާރައާއި، ހުރުމާއި، އެފަދަ އެހެނިހެން ޚަރަދުތައް ހަމަޖައްސާފައި ވަނީ ޗައިނާ ސަރުކާރުން ކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މީހެއް ރައީސްގެ އެޑްވައިޒަރެއް ގޮތުގައި ހަމަ ޖެއްސުމުގެ ކުރިން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ފަރާތެއް ވަނީ ރާއްޖެ ވަޑައިގެން، ރާއްޖޭގައި 5 ވަރަކަށް ދުވަސް ހޭދަ ކޮށްފައެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ރާއްޖޭގެ އުތުރުގައި، މަކުނުދޫގައި މެރިން ސެންޓަރެއްގެ ނަމުގައި ޗައިނާގެ އަސްކަރީ މަރުކަޒެއް އެޅުމަށް މަޝްވާރާކޮށް، ޗައިނާއަށް ކުރެއްވި ދަތުރުގައި، އެ ޕްރޮޖެކްޓަގައި ސިއްރުން ސޮއެ ކޮށްފައެވެ. ސަރުކާރުން ވަނީ ޗައިނާގައި ސޮއެ ކުރި ޕްރޮޖެކްޓް ތަކުގެ ތަފްސީލް އަދިވެސް އާންމު ނުކޮށް ހިފަހައްޓާފައެވެ.
ޗައިނާއިން ރާއްޖެއާއި މިހާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަނީ ކައިރީގައި އޮތް އިންޑިޔާ އަށް ބިރު ދައްކައި، އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާގެ ބާރު ފޯރުވައި އެ ޤައުމުތަކުގެ މައްޗަށް ވެރިވެގަތުމުގެ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިންނެވެ.
މި ގޮތުން، މިޔަންމާ ގައި ޗައިނާގެ %80 ހިއްސާ އޮންނަ ޕޯޓެއް ހަދާގައިވާއިރު، ޕާކިސްތާނުގައި ޗައިނާގެ ޕޯޓެއް އޮވެއެވެ. އަދި ލަންކާގެ އޮތް ޕޯޓް މިހާރު ވަނީ ޗައިނާގެ އަތް މައްޗަށް އެއްކޮށް ގޮސްފައެވެ. މީގެ އިތުރުން، އެއްވެސް ފްލައިޓެއް ނުޖައްސާ ސަރަހައްދެއްގައި، ނޭޕާލުގައި ވަނީ ބޮޑު އަގުގައި އެއަރޕޯޓެއް އަޅާފައެވެ. އެގައުމުގެ ސަރުކާރުން ދަނީ އެއަރޕޯޓަށް ފައިސާ ދައްކާނެ ގޮތެއް ނެތިގެން އެމައްސަލަ އެގައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަނަށް މިހާރު ފޮނުވާފައެވެ.
ރައިސުލްޖުމްހޫރިއްޔާގެ ހާއްސަ ސިއްރު އެޑްވައިޒަރެއްގެ ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ފަރާތެއް އައްޔަން ކުރުމަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެކެވެ.