ރައީސް ޔާމީނާއި ދެކޮޅަށް، ތެދުވެ ވަޑައިގެންނެވި މަޖިލީސް މެމްބަރުން ކަޅު ދަބަހުގައި ފައިސާ ގެންދިޔަކަމަށް ބުނެ، ފޭކް އިންޓަލް ރިޕޯޓް ހަދައި، ފުލުހުން ލައްވައި މަޖިލީސް މެމްބަރުން ހައްޔަރު ކުރިއެވެ. ރައީސް މުއިއްޒު ދަނީ، އޭނާ އަޒުލުކޮށްފާނެ ކަމުގެ ބިރަށް، މަޖިލިސް މެމްބަރުންގެ ބޮލުގައި ކަޅު ދަބަހުގައި ފައިސާ އުފުލާ ކަމަށް ބުނެ، އަދި އެކަން އިންޑިޔާ ބޮލުގައި އަޅުވައި، މީހުން ހައްޔަރުކޮށް، ޚާއިނުން ކަމަށް ބަލައި، އުމުރަށް ޖަލަށް ލުމުގެ އަނިޔާވެރި ސިލްސިލާއެއް ފެށުމަށް ތައްޔާރު ވަމުންނެވެ.
އެގޮތުން މިރޭގެ ވަގުތެއްގައި މުއިއްޒުގެ ފަރާތުން ބަޔަކު، އެމް.ވީ.ކްރައިސިސް ހިންގާ ޝުމްބާއަށް ފައިސާ ކޮޅެއް ދީގެން ވަނީ، ސަރުކާރުން ފަތުރަން ބޭނުންވާ މިފަދަ ދޮގު ތުހުމަތެއް ފަތުރާފައެވެ. ޝުމްބާއަކީ، އޭރަކު އޮންނަ ސަރުކާރެއްގެ ފަސްބާގައި އެލިގެން ދިރިއުޅުން އާރާސްތު ކުރާ ފަރާތެކެވެ.
13 މެމްބަރުންނަށް ރިޝްވަރު ދީގެން ގަތް އިރު، މުއިއްޒު ވަނީ އެމްޑީޕީގެ އިސް ފަރާތްތަކާއި، މަޖިލިސް މެމްބަރުންތަކެއް ހައްޔަރު ކުރުމަށް އޭރުވެސް ނިންމާފައެވެ. ހައްޔަރު ކުރާނެ މަޖިލިސް މެމްބަރުންގެ ލިސްޓެއްވެސް މުއިއްޒު ހެއްދެވިއެވެ. ނަމަވެސް އޭރަކު، މުއިއްޒުގެ އަޒުލު ކުރުމުގެ ރޭވުމެއް ނެތުމުން، މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެއެވެ.
މުއިއްޒުގެ ވެރިކަމަށް 2 މަސް ވީއިރު މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ އަނިޔާވެރި ކަމާއި، ރާއްޖޭގެ ޤާނޫނާއި، ޤާނޫނު އަސާސީއަށް ގޮންޖައްސަވައި ކަންކަން ކުރައްވާ މަންޒަރެވެ. އަދި، ޚާރިޖީ ގުޅުން ގެންގުޅެންވީ ޑިޕްލޮމެޓިކް އުސޫލުތައް ނުދަންނަ، ރައްޔިތުންނަށް ހެދި ދޮގުތައް ދެމެހެއްޓުމަށް ތެޅި ފޮޅޭ މަންޒަރެވެ. ކަނޑު ގެއްލުނު ކަމަށް ވިދާޅުވެ، ވެރިކަމަށް އައިސް، އިތުރަށް އެދޮގު ފޮރުވުމަށް މުއިއްޒު ދަނީ ދައުލަތުން އެތައް މިލިއަން ޑޮލަރެއްވެސް އިސްރާފު ކުރަމުންނެވެ.