އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ބަދަލުވި ގިނަ މެމްބަރުން ރައީސް މުއިއްޒު މަގާމުން އަޒުލް ކުރުމަށް ތާއީދު ކުރާނެކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން, ޕީއެންސީއަށް ބަދަލުވި, އެމްޑީޕީގެ ކުރީގެ މެމްބަރަކު ވިދާޅުވީ, އެބޭފުޅުން ޕީއެންސީއަށް ބަދަލުވުމަށް ދެފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކާ އެއްގޮތަށް ޕީއެންސީން މިއަދާހަމައަށް އަމަލު ކޮށްފައި ނުވާކަމަށެވެ. އެގޮތުން ދޭން ވައުދުވި ފައިސާވެސް ދީ އަދިވެސް ޚަލާސް ކޮށްފައި ނުވާއިރު, ރައީސް މުއިއްޒު ދޭން ވައުދުވީ ވަޒީފާތައްވެސް އަދިވެސް ހަމަޖައްސާ ދީފައި ނުވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ވައުދުވި ގޮތަށް އެއްވެސް ކަމެއް ނުހިނގާ. އެގޮތަށް ކަންކަން ނުދާނަމަ, އަޒުލްކުރުމުގެ މައްސަލައަށް ތާއީދު ދިނުމާއި ގުޅޭގޮތުން ސީރިއަސްކޮށް ވިސްނާނަން. ގިނަ މެމްބަރުންގެ ތާއީދު ރައީސް އަޒުލްކުރަން ލިބޭނެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި, އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެމްބަރު ވިދާޅުވިއެވެ.
ފާއިތު ޑިސެމްބަރުމަހު ކުއްލި ގޮތަކަށް ޕީއެންސީއަށް ބަދަލުވި މެމްބަރުން އެޕާޓީއަށް ބަދަލުވީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި ގިނަ އަދަދަކަށް ވަޒީފާވެސް ދޭނެކަމަށް ރައީސް މުއިއްޒު ވައުދު ވެގެންނެވެ. އެެހެންނަމަވެސް ދޭން ވައުދުވި 4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ކޮންމެ މެމްބަރަކަށްވެސް ދީފައިވަނީ 6 ލައްކަ ރުފިޔާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެމައްސަލާގައި ޕީއެންސީއަށް ބަދަލިވި މެމްބަރުންގެ މެދުގައި ނުތަނަވަސްކަމާއި ރުޅިވެރިކަންވަނީ ވަރަށް ބޮޑަށް އުފެދިގެން ގޮސްފައެވެ.
އެމްޑީޕީން ބުނެފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ރައީސް އަޒުލްކުރުމަށް ލިބިގެން ދާނެ ކަމުގައެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީއަށް ބަދަލުވި މެމްބަރުންގެ ތެރެއިން 10 މެމްބަރަކު މިހާރުވަނީ ރައީސް އަޒުލްކުރުމަށް ތާއީދު ކުރަން ނިންމާފައެވެ.