އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އޭނާގެ ޑެޕިއުޓީގެ މަގާމްގައި އިސްލާމިކް މިނިސްޓްރީގައި ވަޒީފާ އަދާކުރާ އަލީ އަހުސަންގެ އުމްރާ ގްރޫޕް ކަމަށްވާ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕަށް, ޢުމްރާއާއިބެހޭ މައުލޫމާތު ފެތުރުމުގެ ނަމުގައި, އިއުލާން ކުރުމަކާ ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ހަވާލު ކޮށްފިއެވެ.
ޑރ. ޝަހީމްއާއި އޭނާގެ ނާއިބުގެ މަގާމްގައި ހުންނެވި އަލީ އަހުސަންގެ ހައްޖު ގުރޫޕް "ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް"އަކީ ޔާމިން އިދުރީސްއާއި, އަލީ އަހުސަން އަދި އޭގެ އިތުރުން އިބުރާހިމް އަޝްވާގު ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހައްޖު އަދި އުމްރާ ގުރޫޕެކެވެ.
އެގޮތުން މި ގުރޫޕްގެ އެއް ހިއްސާދާރު ކަމުގައިވާ ޔާމިން އިދުރީސްއަކީ ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައި އެންމެ ފުރަތަމަ ހައްޖު ކޯޕަރޭޝަން އުފެއްދުމަށްފަހު އެ ކުންފުނި ހިންގުމަށް, އެތަނުގެ އެމްޑީގެ ގޮތުގައި ޑރ. ޝަހިމް އައްޔަން ކުރި ފަރާތެވެ. އޭރު ޑރ. ޝަހީމްގެ މިހާރުގެ ނައިބު އަލީ އަހުސަންވެސް މަސައްކަތް ކޮށްފައިވަނީ ޔާމިން އިދުރީސްއާއެކު ހައްޖު ކޯޕަރޭޝަންގައެވެ.
އެހެންނަމަވެސް އަލީ އަހުސަންއާއި ޔާމިން އިދުރީސް ހައްޖު ކޯޕަރޭޝަން ދޫކޮށް ދިޔައިރު އެކުންފުނީ އޮތީ އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރި ވެފައެވެ. ހައްޖު ކޯޕަރޭޝްންއިން ވަކިވުމަށްފަހު ޔާމިން އިދުރީސްއާއި އަލީ އަހުސަން ޓްރަވަލް އޭޖެންސީއެއް އުފެއްދުމަށްފަހު, ޑރ. ޝަހީމް އިސްވެ ހުންނަވާ ދެން އުފެއްދެވީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއަށް, ހައްޖާއި އުމްރާއާއިބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ނަމުގައި, އިއުލާން ކުރުމަކާވެސް ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ހަވާލުކުރިއިރު, ޕީއެސްއެމްގެ އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން, ވަކި ކުންފުންޏެއް އިސްތިހާރުވާގޮތަށް ފުރުސަތު ދިނުމަކީ ކުރެވޭނެ ކަމެއްވެސް ނޫންނެވެ.
އަދި އާންމުކޮށް އިއުލާން ކުރުމަކާނުލާ މި އުސޫލުން ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ މާލިޔަތު ގަވަދުންވެސް މަނާ ކަމެކެވެ.
އަދި އަމުދުން ޢުމްރާއާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވޭނެ އެތައް ކުންފުންޏެއް ރާއްޖޭގައި ވަނިކޮށް, އާންމުކޮށް އިއުލާން ކުރުމަކާނުލާ, ވަކި ކުންފުންޏަކާއި މިމަސައްކަތް ހަވާލުކުރުމަކީ ކޮރަޕްޝަންގެ އުސޫލުން, ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމަށް, ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ރާއްޖެއަށް ލިބިފައިވާ ހުރިހާ ހައްޖުކޯޓާއެއްވެސް, ހައްޖަށް މީހުން ފޮނުވާ ގުރޫޕްތަކަށް ދޫނުކޮށް, ހަމައެކަނި ހައްޖު ކޯޕަރޭޝަންއަށް ލިބޭގޮތަށް ހަމަޖައްސާފައިވަނީވެސް, "ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް"އަކީ ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ ލިބިފައިވާ ގުރޫޕަކަށް ނުވާތީއެވެ. ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭގޮތަށް ހަމަޖެހިފައި އޮންނަނީ އުމްރާއަށް މީހުން ގެންދާވާ ވަކި އަހަރުތަކެއް ވުމުންނެވެ.
ޕީއެސްއެމްއިން ބުނެފައިވަނީ, ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއެކީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ ޢުމްރާގެ އަޅުކަމާއި ގުޅޭ އެންމެ ރަނގަޅު މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކަމުގައެވެ.
ދާދިފަހުން އެޗްޑީސީންވެސް ޑރ. ޝަހީމް ހުޅުމާލޭގައި ސްކޫލެއް ހިންގުމަށް އޭނާގެ ކުންފުންޏަށް އާންމުކޮށް އިއުލާން ކުރުމަކާ ނުލާ ބޮޑު ބިމެއްވެސް ހުޅުމާލެއިން ދީފައެވެ.