ޚަބަރު

ކެމްޕޭނުގައި އުޅުއްވި ގޮތަށް، ވެރިކަން ލިބިވަޑައިގަތުމުން، ނޫޅެން ރައީސަށް ގޮވާލައިފި

ދިޔަވަރު
ކެމްޕޭނުގައި އުޅުއްވި ގޮތަށް، ވެރިކަން ލިބިވަޑައިގަތުމުން، ނޫޅެން ރައީސަށް ގޮވާލައިފި

ވެރިކަމާ ހަވާލުވެވަޑައިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އުޅުއްވި ގޮތަށް ނޫޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ގޮވާލައްވައިފި އެވެ.

އިންޑިއާގެ "އެންޑީޓިވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވީ އިންތިހާބުތަކުގައި ވަކި ގޮތަކަށް އަމަލުކުރުމަކީ ވަކި ކަމެއް ކަމަށާއި ނަމަވެސް ސަރުކާރާ ހަވާލުވުމުން ޒިންމާތައް މުޅިން ބަދަލުވާނެ ކަމަށެވެ. އެގޮތުން ސަރުކާރާ ހަވާލުވުމުން ކުރާ ކަންތައްތަކާއި، ސޯޝަލް މީޑިއާ އާއި ބައްދަލުވުންތަކާއި މީޑިއާތަކުގައި ވާހަކަތައް ދައްކަން ވާނީ ވިސްނުންތެރިކަމާއެކު ކަމަށާއި ސަރުކާރާ ހަވާލުވުމަށްފަހު އިންތިހާބެއްގައި އުޅޭ ގޮތަށް އުޅުމަކީ ގޯހެއް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެއާ އެކު މިހާރު ވެސް ބައެއް ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބައްދަލުވުންތަކެއް ބޭއްވިގެންދިޔުން ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއިން މައްސަލަތަކެއް ފެންމަތިކުރާނަމަ އެކަންކަން އަޑުއަހައި ހައްލުކުރަން އިންޑިއާ އިން މަސައްކަތް ކުރާނެ ކަމަށާއި ރާއްޖެ އަކީ އަވަށްޓެރި ގައުމެއްކަން ޖައިޝަންކަރު ފާހަގަކުރެއްވި އެވެ.

ޖައިޝަންކަރު މިހެން ވިދާޅުވި އިރު އިންޑިއާ އާއި ރާއްޖޭއާ ދެމެދު މި ދުވަސްވަރު ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ. މި ނުތަނަވަސްކަން އުފެދިގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގެ ލަކްޝަދީޕު ޕްރޮމޯޓުކުރުމަށް ފެށި ކެމްޕޭނަކާ ގުޅިގެން ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް މަލާމާތްކޮށް ކުރި ޓްވީޓުތަކަކާ ގުޅިގެންނެވެ.