ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއް ގޮތުގައި ރާއްޖޭގެ ދޯންޏަކަށް ބޭރު ސިފައިން އެރި މައްސަލަ ބެލުމަށް އެމްޑީޕީއިން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީއިން މިގޮތަށް ގޮވާލާފައި ވަނީ ދިވެހި އަދި އިނގިރޭސި ބަހުން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. މި ބަޔާނުގައި އިތުރަށް ވަނީ މިކަމާއި މެދު އެމްޑީޕީއިން ކަންބޮޑުވާކަން ފާހަގަ ކޮށްފައެވެ.
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3" އަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި މީޑިއާގައި ކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.
އެ ބަޔާނުގައި ވެއެވެ.
އަދި, ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި ބަޔާނުގައި ވެއެވެ.
ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.