ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
އަސުރުމާ ދޯނި އޮތް ސަރަހައްދަށް ކޯސްޓް ގާޑުން ދިޔައިރު، އެ ދޯނީގައި އެއްވެސް ގައުމެއްގެ ސިފައިން ނެތް ކަމަށާއި ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިންތޯ ކަށަވަރުކޮށް ބުނަން ނޭނގޭކަމަށް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އަސުރުމާ ދޯނީގެ އިތުރުން ދެ ދޯންޏަކަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް ހަތިޔާރު ހިފައިގެން އެރިކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.
އެ ޔޫނިއަންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަސުރުމާ-3 ގެ އިތުރުން ނިރު-7 އާއި މާހޯރަ-3 އަށް ވެސް އިންޑިއާގެ ދެ ކޯސްޑުގާޑު އުޅަނދު ކައިރިކޮށް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ދޯނި ތަކުން، މި ދައްކާ ވާހަކަ ތަކަކީ، ތެދު ވާހަކަ ތަކެއް ކަމުގައި ވާނަމަ، ރާއްޖޭގެ ސަރަހައްދަށް ޤައުމެއްގެ ސިފައިން ވަދެ، ދޫނިތަކެއް ހިފިއަސް، ނުވަތަ ހަމަލާ ދީ ރަށެއް ހިފިއަސް އެކަމެއް އެމްއެންޑީއެފް އަށް އެނގެން އޮތް ހަމައެކަނި ގޮތަކީ އެ އޮޑިއަކުން ގުޅާފައި އެންގުމުންނެވެ. އެހެން ކަމުން މަސްވެރިންނަށް ރައްކާތެރި ކަމެއް މިއަދަކު ނެތެވެ.
ސަރުކާރުން ވަނީ އަވަށްޓެރި ދެ ޤައުމާއި ޖެހި، ރުޅީ ވެރިކަމާއި ނަފްރަތު އުފައްދާފައެވެ. އެއްވެސް ހަމަ އެއް ނެތި ކަނޑު ވިއްކާލި ކަމަށް ބުނެ، މޮރިޝަސް އާއި ދޭތެރޭ ދޮގު ތުހުމުަތު ތަކެއް ކޮށް އެކުވެރި ޤައުމަކާއި ޖެހިގަތީއެވެ. ހަމަ އެގޮތަށް އިންޑިޔާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ބުނެ އިންޑިޔާއާއިވެސް ޖެހިގަތީ އެވެ.