ޚަބަރު

ފަޒުލްގެ ފިތްކަނޑައިގެންދާވަރުގެ ބޮޑު ކޮރަޕްޝަންއެއް, މިފަހަރު ނުއަގުގައި ހުޅުމާލެއިން ބޮޑު ބިމެއް ދިނީ އަމިއްލަ އަނބިމީހާއަށް!

ދިޔަވަރު
ފަޒުލްގެ ފިތްކަނޑައިގެންދާވަރުގެ ބޮޑު ކޮރަޕްޝަންއެއް, މިފަހަރު ނުއަގުގައި ހުޅުމާލެއިން ބޮޑު ބިމެއް ދިނީ އަމިއްލަ އަނބިމީހާއަށް!

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އޭނާގެ އަންހެނުންނަަށް ހުޅުމާލެއިން ބޮޑު ބިމެއް ނުއަގުގައި ދީފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގެންހުރި ގޮތުގައި ފަޒުލް އޭނާގެ އަންހެނުން ޒުލްފީނާ ރަޝީދަށް ދީފައިވަނީ 2,146 އަކަފޫޓުގެ ބޮޑު ބިމެކެވެ.

މި ބިމުގެ އަސްލު އަގަށް ބަލާއިރު 5 އަހަރު ދުވަހުގެ ތެރޭގައި 11،705،442.84 ރުފިޔާ ފަޒުލްގެ އަންހެނުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. އެގޮތުން 60 މަހަށް (5 އަހަރަށް) ބަހާލުމުން މަހަކަށް އެޗްޑިސީއަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ޖެހޭނީ މަހަކަށް 242،977 ރުފިޔާއެވެ.

އެހެންނަމަވެސް ފަޒުލްވަނީ މިއަގުން %20 އުނިކޮށް, އޭނާގެ އަންހެނުން މަހަކަށް އެޗްޑީސީއަށް ދައްކަންޖެހޭ އަދަދަކީ 185،336.18 ރުފިޔާ ކަމުގައި ހަމަޖައްސާ ދީފައެވެ.

އެޗްޑީސީގެ ބައެއް މުވައްޒަފުން "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި, ބޯޑަށް ހުށަހެޅުމަށް, %20ގެ ޑިސްކައުންޓުގައި ޕޭމަންޓް ޕްލޭން ހެދުމަށް އެޗްޑީސީގެ މުވައްޒަފުންނަށް ފަޒުލްވަނީ މަޖުބޫރު ކޮށްފައެވެ. މުވައްޒަފުންނަށް ފަޒުލް މަޖުބޫރުކޮށްފައިވަނީ އެގޮތަށް ޕޭމަންޓް ޕްލޭން ތައްޔާރު ނުކޮށްފިނަމަ, އެ މުވައްޒަފުން ސިޓީ ކައުންސިލަސް ބަދަލުކުރާނެކަމުގެ އިންޒާރު ދީގެންކަމަށްވެސް އެޗްޑީސީގެ ކަމާއި ގުޅުންހުރި މުވައްޒަފުން "ދިޔަވަރު އޮންލައިން"އަށް ކިޔައިދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަގުހެޔޮކޮށް ފަޒުލްގެ އަނބިކަބަލުންނަށް ބިން ދިނުމަށް, އެޗްޑީސީގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ހެދި ޕޭމަންޓް ޕްލޭން މިހާރު އެޗްޑީސީގެ ބޯޑުންވަނީ ފާސްވެސް ކޮށްފައެވެ. އަދި މިއަދުގެ ވަގުތެއްގައި މި ޕޭމަންޓް ޕްލޭންގެ އެއްބަސްވުމުގައި ފަޒުލްގެ އަނބިކަބަލުން ވަނީ ސޮއިވެސް ކޮށްފައެވެ.

ފަޒުލްގެ އަނިކަނބަލުންނަށް ބިމެއް ދޫކޮށްފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި, ނުއަގުގައި އެޗްޑީސީން ބިމެއް ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ.

އަދި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުން އަމަލުކުރަންޖެހޭ އުސޫލަކީ އިސްތިއުނާފީ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމުންކަމަށް ވީނަމަވެސް, ފަޒުލްވަނީ މިމައްސަލަ އިސްތިއުނާފީ ކޯޓުތަކަށް އެޗްޑީސީން ގެންދިއުން މަނާކޮށްފައެވެ.

ފަޒުލް އެޗްޑީސީގެ ލޯޔަރުންނަށް މަޖުބޫރުކޮށްގެން, މައްސަލަ އިސްތިއުފް ވިޔަނުދިނީ, އޭނާގެ އަންހެނުންނަށް ނުއަގުގައި, ދައުލަތަށް ގެއްލުންވާގޮތަށް ބިން ދިނުމުގެ ބޭނުމުގައިކަމަށް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކެވި އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އެޗްޑީސީގެ އެމްޑީކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ފަޒުލް ރަޝީދަކީ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީއެެވެ. އެގޮތުން އޭނާވަނީ ދާދިފަހުން ބޭއްވުނު ޕީއެންސީގެ ޕްރައިމަރީގައި އޭނާގެ ދައްތައަށް ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އެޗްޑީސީން ގިނަ އަދަދެއްގެ ވަޒީފާތައްވެސް ދީފައެވެ.

އަދި އޭނާ ގެންދަވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމޫރިއްޔާއަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގަމުންނެވެ.