ފޮރިން ޕްރޮޓޮކޯލް ތަކާއި ޚިލާފަށް ފޮރިން މިނިސްޓްރީގައި، ޗައިނާ ސަފީރާއި އެކީ ބާއްވާ މީިޓިން ތައް، ޗައިނާ ސަފީރު ޗެއަރ ކުރަން ފައްޓަވައިފިއެވެ. މިއަދު ފޮރިންގ މިނިސްޓްރީ އިން ޓްވީޓް ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ޗައިނާ ސަފީރު، އެ މީޓިންގ ޗެއަރ ކުރައްވާ ތަނެވެ. މި މީޓިން ބާއްވާފައި ވަނީ މާގިރި ހޮޓަލުގައެވެ. މިއީ ޗައިނާގެ ބާރު ރާއްޖޭގެ މައްޗަށް ހިނގާ މިންވަރު ދައްކުވައިދޭ، ހުތުރު މަންޒަރެކެވެ. އަދި ދިވެހިރާއްޖެ އަށް ޗައިނާގެ އެއްވެސް އިހްތިރާމެއް، ހުރުމަތެއް ނެތްކަން ދައްކުވައިދޭ ކަމެކެވެ. މި މީޓިންގ ގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅެއް ގޮތުގައި ބައިވެރި ވަޑައިގަތީ، ސްޓޭޓް މިނިސްޓަރ ޝީރީނާ އަބްދުއް ސަމަދު އެވެ.
ފޮރިން މިނިސްޓްރީ އިން ކުރާ ޓްވީޓް ތަކަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ފޮރިން މިނިސްޓްރީތަކުން ބަރާބަރަށް ބަލާ ޓްވީޓް ތަކެވެ. އެހެން ކަމުން، މުޅި ދުނިޔެއަށް ފެނިގެންދާ މަންޒަރަކީ، މުއިއްޒުގެ ސަރުކާރުގެ މައްޗަށް ޗައިނާގެ ބާރާއި ނުފޫޒު އޮންނަންވީ ވަރަށް ވުރެ ބޮޑަށް އޮތްތަނެވެ.
ބައްދަލުވުމުގައި މެދުގައި އިންނަވަން ޖެހޭނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބައްދަލުވުން އިންތިޒާމު ކުރާ އިސް ފަރާތެވެ. މި ފުރުޞަތުގައި ސްޓޭޓް މިނިސްޓަރ ޝީރީނާ އަބްދުއް ސަމަދު އެވެ. ޗައިނާ ސަފީރު އިންނަވަން ވާނީ، ރާއްޖޭގެ ސްޓޭޓް މިނިސްޓަރ އާއި ޖެހިގެންނެވެ. ބައްދަލުވުމުގައި އިށީދެ އިންނަ ގޮތް ތަރުތީބު ވެގެން ދާން ޖެހޭނީ މަގާމުގެ ތަރުތީބުންނެވެ.
އިތުރަށް ހުރި ފޮޓޯތައް ބަލާލަމުން، ޗައިނާގެ އެމްބަސީގެ ކައުންސެލަރ މަގާމުގައި ހުންނެވި ބޭފުޅާ ވެސް އިންނެވީ ޕްރޮޓޮކޯލްއާއި ޚިލާފަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަކަށް ވުރެ ކުރީގައި ކަމަށް މި ޓްވީޓް ދިޔަވަރަށް ޑީއެމް ކޮށްފައިވާ ފޮރިންގ މިނިސްޓްރީގެ ސްޓާފް ކިޔައި ދެއްވިއެވެ. ފޮރިންގ ޕްރޮޓޮކޯލް ތަކަކީ ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް ފުރިހަމަ އަށް ކަމޭ ހިތާ ކަންކަމެވެ. އެކަންކަން ފަހަނަ އަޅައި، ގޮސް ޚާރިޖީ ވުޒާރާގެ މިނިވަން ކަން ގެއްލޭ ހިސާބަށް ކަން ދިޔުމަކީ ޤައުމުގެ އެހެން ކަންކަމުގައި ޗައިނާގެ ނުފޫޒު އޮތް ވަރު ދައްކުވައިދޭ ކަމެކެވެ.

ޤައުމަކާއި ކިތަންމެ ގާތް ބައިލެޓްރަލް ގުޅުމެއް އޮތް ކަމުގައި ވީނަމަވެސް، އެއްވެސް ހާލެއްގައި ޕްރޮޓޮކޯލްތައް ދޫކޮށްލުމަކީ އެއީ ޤައުމުގެ އަގު ބޭރު ދުނިޔޭގައި ވެއްޓިގެން ދާނެ ކަމެކެވެ. ފޮރިން މިނިސްޓްރީ އަށް ޗައިނާގެ ނުފޫޒު އިންތިހާއަށް ވަނީ ވަދެފައި ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއްވިއެވެ.