ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އެންގި އެންގުން މިއަދުން ފެށިގެން ނިމުމަކަށް ގެނައި އިރު، އެއްވެސް ބޮޑު މައްސަލަ އެއް ފާހަގަ ކޮށްފައެއް ނުވެއެވެ.
ގަސްތުގައި ބައެއްގެ ހައްޤުތަކެއް މުއިއްޒުގެ އަމުރަށް، އޭސީސީއިން ހިފަހައްޓާފައި ވަނީ އެކަށީގެން ވާ ސަބަބަކާއި އެކު ނޫން ކަން އޭސީސީއިން ބަލަމުންދާ މައްސަލަ ނިމުނު ގޮތުން ހާމަ ވެެއްޖެއެވެ.
އެއްވެސް ކަމެއް ފެންނަން ނެތުމުން، އޭސީސީ އިން ބުނެފައިވަނީ، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއް ގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރަން އެކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އެންގާފައިވާ ކަމަށެވެ. ނަމަވެސް، ފޮއިންޓްތައް ދީފައިވަނީ ސިސްޓަމުން އޮޓެމިޓިކުން ކަމުން އޭސީސީ އިން މައްސަލަ ހުރި ފޯމުތައް ކަމަށް އެބުނާ ފޯމުތަކަކީ، އަނެއްކާވެސް ބައެއްގެ ހައްޤުތަކަކަށް އަރައިގަނެ، މުއިއްޒު ބޭނުންވާ ބަޔަކަށް ފްލެޓާއި ގޯތި ދިނުމަށް އޭސީސީއިން މުއިއްޒާއި ގުޅިގެން ރާވައިގެން ކޮށްފައިވާ ބޮޑު ހިޔާނާތެކެވެ.
މީގެ އިތުރުން، އޭސީސީއިން އަންގާފައިވަނީ އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތަކެއް ކަނޑައެޅުމަށެވެ. އުސޫލެއް ނެތް ކަމަކަށް ގޮތް ކަނޑައެޅުމަކީ އާ އުސޫލުތަކެއް ހެދުމެވެ. މުއިއްޒުގެ ނުފޫޒުގައި އޮތް އޭސީސީ އިން އެ އަންގަނީ މިހާރު ނެތް އާ އުސޫލުތަކެއް ހެދުމަށެވެ. އޭސީސީ އިން އެބުނާ ގޮތަށް އާ އުސޫލުތަކެއް ހަދައިފި ނަމަ، މިހާރު ފްލެޓްތައް ލިބިފި ހުރި ގިނަ ފަރާތްތަކެއްގެ އަތުން ފްލެޓް ގެއްލޭނެއެވެ. އުސޫލެއް ނެތް ކަންކަމަށް އިތުރު ގޮތް ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރެއް، އުސޫލެއްގެ ތެރެއިން ފްލެޓް ދިނުމަށް ފަހު ދެން ނުއުފެއްދޭނެއެވެ.
ފޯމުތައް މުރާޖައާ ކުރުމުގައި ތަފާތު ނުކޮށް އެއް މިންގަނޑަކުން އަމަލު ކުރުމަށް ވެސް ކޮމިޝަނުން އެންގި އެވެ. ހުރިހާ ފޯމަކަށް މާކްސް ދެވިފައިވަނީ އޮޓްމެޓިކް އިން ސިސްޓަމުގެ ތެރެއިންނެވެ. އެހެން ކަމުން ފޯމުތައް މުރާޖާ ކުރަން ޖެހޭ ހާލަތެއް ނެތެވެ. ފޯމުގައި ނުބައި މައުލޫމާތު ދީފައިވާކަމަށް ސާބިތު ވާނަމަ، ފޯމު ކެންސަލްކޮށް، ކުށް ސާބިތުވާ ބަޔަކަށް ޤާނޫނީ ފިޔަވަޅު އަޅާށެވެ. ނަމަވެސް ބައެއްގެ ހައްޤުތަކަކަށް އަރައި ނުގަންނާށެވެ.