ޚަބަރު

ފާޑުކިޔުން އަމާޒުވާން ފެށުމުން, ސަރުކާރު ކެނޑިޑޭޓުން ޕްރޮމޯޓް ކުރަން މަސްދަޅު ހަދިޔާކުރި ފޯޓޯތައް މިފްކޯގެ އެކްސް ހޭންޑްލްއިން ޑިލީޓް ކޮށްފި

ދިޔަވަރު
ފާޑުކިޔުން އަމާޒުވާން ފެށުމުން, ސަރުކާރު ކެނޑިޑޭޓުން ޕްރޮމޯޓް ކުރަން މަސްދަޅު ހަދިޔާކުރި ފޯޓޯތައް މިފްކޯގެ އެކްސް ހޭންޑްލްއިން ޑިލީޓް ކޮށްފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ, ޕީއެންސީގެ ކެނޑިޑޭޓުން ޕްރޮމޯޓުކުރުމަށް, މިފްކޯއިން އުފައްދާ މަސްދަޅުތައް, އެކުންފުނީގެ ސީއީއޯ ޕީއެންސީގެ ކެނޑިޑޭޓުންނަށް ހަދިޔާކުރަނިކޮށް ނަގާފައިވާ ފޮޓޯތައް, އާންމުންގެ ފާޑުކިއުން އަމާޒުވާން ފެށުމުން މިފްކޯގެ އެކްސް ހޭންޑްލްއިން ޑިލީޓް ކޮށްފިއެވެ.

މިފްކޯއިން މިއަދުވަނީ އެ ކުންފުނީގެ ހެޑް އޮފީހަށް ޒިރާރަތްކުރި, ޕީއެންސީގެ 5 ދާއިރާއަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މަސްދަޅުތައް ހަދިޔާކުރަނިކޮށް ނަގާފައިވާ ފޮޓޯތައް ކުންފުނީގެ ރަސްމީ އެކްސް ހޭންޑްލްގައި ޕޯސްޓުމުރުމަށްފަހު, އެ ކެނޑިޑޭޓުން ވާދަކުރާ ދާއިރާތަކުގެ މަސްވެރިކަމުގެ ހާލަތު ރަގަޅުކުރާނެ ކަމަށް ބުނެ އެކްސް ހޭންޑްގައި ޕޯސްޓު ކޮށްފައެވެ.

ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓަކަށް މަސްދަޅު މިފްކޯގެ ސީއީއޯ ހަދިޔާ ކުރައްވަނީ

އެހެންނަމަވެސް, މިއީ ކަނޑައެޅިގެން ކޮރަޕްޝަންކަމަށް ބުނެ, ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުން މިފްކޯގެ އެކްސް ހޭންޑްލްއިން މިހާރުވަނީ ޕޯސްޓުތައް ޑިލީޓް ކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުން ދަނީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި ދިމާކޮށް ޕީއެންސީގެ ކެނޑިޑޭޓުން ޕްރޮމޯޓުކޮށް, އަދި ތާއީދު ހޯދުމަށް ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުން ކުރަމުންނެވެ. އަދި ސަރުކާރުން ދަނީ, ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން, ސަރުކާރުގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާ މުވައްޒަފުން މުއިއްޒުގެ އަމުރަށް ވަޒީފާއިންވެސް ވަކި ކުރަމުންނެވެ.