ސަރުކާރަށް މަސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވުނު ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާހަގަ ކޮށް ބަޔާނެއް ނެރެފިއެވެ. މި ގޮތުން ބޮޑު ކަންނެލީގެ 3 ދޯންޏަކަށް ބޭރުގެ ބަޔަކު އަރާފައި ވުމާއި، ރާއްޖޭގެ ކަނޑު ތަކުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އިތުރު ވަމުން ދާތީ އެކަމާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާހަގަ ކޮށް ސަރުކާރަށް މަސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ވެސް ފޯރުކޮށް ނުދެވޭ ކަމަށް ހާމަ ކޮށްފައެވެ.
މީގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިންނަށް މުއިއްޒު ވި ވައުދު ފުއްދާފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާހަގަ ކޮށް، މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެ ވަޑައިގެންނެވި ގޮތަށް 80ރ އާއި 100ރ އާއި ދެމެދު ބޮޑު ކަންނެލީގެ މަސް ކިލޯއެއްގެ އަގު ހިފަހައްޓައި ދިނުމަށް މަސްވެރިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ބިން ހިއްކުމުގެ ނަމުގައި ވެލި ނަގައި ކަނޑު ތަޣައްޔަރު ކުރުމުގެ ސަބަބުން އެންވެރިކަން ކުރަން ދަތިވެފައިވާ ވާހަކަވެސް މި ބަޔާނުގައި ވެއެވެ. މުއިއްޒު ވަނީ އެއްވެސް ބޭނުމެއް ނެތި، އަމިއްލަ އަށް މަޖިލިސް އިންތިހާބަށް ފައިސާ ހޯދުމަށް ފުށިދިއްގަރުފަޅު ހިއްކަން ފަށާފައެވެ. މިކަމުގެ ސަބަބުން އެންވެރިކަމަށް ދަނީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވަމުންންނެވެ.
ތެލުގެ އަގު ބޮޑުވެފައިވާއިރު، ކިރާ މަހަށް އަގު ނުލިބި އެތައް ދުވަހެއް ތިބެންޖެހުމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑު ވުމެއް ކަމަށް ވަނީ ވިދާޅު ވެފައެވެ.
މަސްވެރިންގެ ބަޔާން ނިންމާލާފައި ވަނީ، ބޮޑު ކަންނެލި ގަންނަ ފަރާތްތަކާއި، ސަރުކާރާއި މަޝްވަރާ ކުރަން ފެށުމަށް ގޮވާލަމުންނެވެ.