ބޭރު ގައުމެއްގެ ސިފައިން ކަމަށް ބުނާ ބަޔަކު ހަތިޔާރާއެކު ދިވެހި މަސްދޯންޏަކަށް އަރައިގެން އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ވުމާއެކު އެ ދޯނިތައް މަސްވެރިކަން ކުރަމުންދިޔައީ ރާއްޖޭގެ އެސްއީޒެޑްގައި ނޫންކަމަށް އަޑު ފެތުރިއްޖެއެވެ.
"ދިޔަވަރު އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި, ބޭރު ގައުމެއްގެ ސިފައިން ކަމަށް ބުނާ ބަޔަކު އިއްޔެ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ, އެ މަސްދޯނިތައް ކޯމަސް ފަހަމުން ގޮސް ރާއްޖޭގެ އެސްއީޒެޑްއިން ބޭރަށް ދަތުރު ކޮށްފައި ވަނިކޮށެވެ.
ރާއްޖޭގެ އެސްއީޒެޑުން ބޭރުގައި ރާއްޖޭގެ މަސްދޯނިތައް ހަރަކާތްތެރިވަމުން ދަނިކޮށް ކުރިމަތިވާ މިފަދަ ހާދިސާތަކާއި ގުޅޭގޮތުން ގާނޫނީ ފިޔަވަޅުއެޅުމަށް އޮންނަ ފުރުސަތު އޮންނަނީ ވަރަށްވެސް ހަނިކޮށެވެ.
ހަމަ އެއާއެކު, ބޭރު ގަައުމެއްގެ ސިފައިންކަމަށް ބެލެވޭ ބަޔަކު އިއްޔެ އަސުރުމާ މަސްދޯންޏަށް އެރުމަށްފަހުވެސް, އެދޯނިތައް މަސްވެރިކަން ކުރަމުންދިޔައީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުންކަމަށް އެމްއެންޑީއެފްއިން ބުނެފައެއް ނުވެއެވެ. އަދި އެ ދޯނިތައް ތިބި ސަރަހައްދަށް އެމްއެންޑީއެފްއަށް ދެވުނީވެސް, އެހާދިސާ ނިމި, ދޯންޏަށް އެރިކަމަށްބުނާ ބަޔަކު ދޯނިތައް ދޫކޮށް ދިޔަ ފަހުންނެވެ.
އެއަށްފަހު އެމްއެންޑީއެފްއިން ބުނެފައިވަނީ, ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ސިފައިންކަން ޔަގީން ކުރެވިފައި ނުވާކަމުގައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ ބޭނުންކުރުން އެމްއެންޑީއެފްއިން ހުއްޓާލިފަހުން, ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މަސްކަނޑުގައި ދުއްވާ ދިވެހި ކަނޑު އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކަމުގެ ގާބިލްކަން އެމްއެންޑީއެފްގަ ނެތެވެ.
އެމްއެންޑީއެފްގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ގޮތުގައި މުޅި ރާއްޖޭގެ 90,000 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ %99 އަކީ ކަނޑު ކަމަށްވުމާއެކު, ރާއްޖޭގެ މުޅި ކަނޑު ރައްކާތެރި ކުރުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ނެތްކަމުގައެވެ.
މިމައްސަލަ މިހާރު ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ބޮޑު މައްސަލައަކަށް ވެފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކެވި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު, ޗައިނާއާއި ގުޅުން ބަދަހިކޮށް, ޒަމާނުއްސުރެ ރާއްޖެއިން އިންޑިއާއެކު ދަމަހައްޓަމުން އައި ގުޅުން ކަނޑާލުމާއެކު, އިންޑިއާއިން ދީފަ ހުރި ވައިގެ އުޅަނދުތައް ބޭނުން ކޮށްގެން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފްއިން ކުރިޔަށް ގެންދަމުންއައި ސާވައިލަން ހުރިހާ މަސައްކަތެއް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ.